ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު، އެމަގާމުން ވަކިކޮށްފިއެވެ.

ޚިޔާލު ތަފާތުވެ، ދެފަޅި ވެފައިވާ ޕީޕީއެމްގެ، ރައީސް މައުމޫން ފެކްޝަންގައި ހުންނެވި އާތިފާ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައި ވަނީ މިއަދުއެވެ. ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލްގެ އިސް ފަރާތަކުން މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެހެން ނަމަވެސް އާތިފާ މަގާމުން ވަކިކުރި ސަބަބު އެނގިފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ ދައްތަ އާތިފާއަކީ ޕީޕީއެމްގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ކައުންސިލް މެމްބަރެކެވެ. ޕީޕީއެމްގައި ދެ ފެކްޝަން އުފެދި، ކައުންސިލް ވެސް ދެބައި ވެފައިވާ އިރު، އާތިފާ ހުންނެވީ ރައީސް މައުމޫންގެ ކައުންސިލްގަ އެވެ. އަދި ރައީސް މައުމޫންގެ ކައުންސިލުގެ ބައްދަލުވުންތަކުގައި އޭނާ ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޕީޕީއެމްގައި ޚިޔާލު ތަފާތުވުންތައް އެންމެ ފުރަތަމަ އުފެދި، ކައުންސިލްގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ މެމްބަރުން ބައްދަލުވުމުން ނުކުމެވަޑައިގެންނެވި ދުވަހު، ރައީސް ވާހަކަދެއްކެވި ދެ ބޭފުޅުންގެ ތެރޭގައި އާތިފާ ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަކުން ވަނީ، އެޕާޓީގެ ކައުންސިލުން އާތިފާ ވަކިކުރުމަށް ކޮމިޓީގެ އިއްތިފާގުން ނިންމައިފައެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަކީ، އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނުގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ. ނަމަވެސް އުސޫލްތަކާ ޚިލާފަށް އަމަލު ކުރަމުންދާތީ ކަމަށް ބުނެ، ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ވަނީ، އެވެ.

މިއަދު އޮތް ސުލޫކީ ކޮމިޓީގެ ބައްދަލުވުމަށްފަހު ރައީސް ޔާމީންގެ ފެކްޝަނުގެ ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް އާތިފާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޕާޓީ ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތްކޮށް، ޕާޓީ ޝަރުއީ ގޮތުން ހިންގުން ހަވަލުކޮށްފައިވާ ފަރާތަށް ދަތިވާ އަމަލުތައް ހިންގައި، ޕާޓީގެ ކައުންސިލު މީޓީންތަކަށް ހާޒިރުނުވުމާއި އިތުރު އެހެން ސަބަބުތަކަކާ ގުޅިގެން، ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އާތިފާގެ އިތުރުން، ޕީޕީއެމް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކުރީގެ މިނިސްޓަރު އަނީސާ އަހުމަދާއި، ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޕީޕީއެމްގެ ކައުންސިލުން ވަކިކުރަން ސުލޫކީ ކޮމިޓީއިން ނިންމައިފަ އެވެ. އަދި ދުންޔާ މައުމޫން ހުންނެވި، ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމުން ވެސް އޭނާ ވަކިކުރުމަށް ސުލޫކީ ކޮމިޓީއިން ވަނީ ނިންމައިފައެވެ.