08 Nov 2016, 22:46
ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު ދޫކުރާނީ ކޮންމެ މީހަކަށް 900 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބަހާނީ ނިމުނު ހިޖުރީ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ. އަދި ފަގީރެއްގެ ގޮތުގައި ބެލެވޭނީ އާމްދަނީގެ ގޮތުގައި ދުވާލަކަށް 44 ރުފިޔާ ނުލިބޭ މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއަހަރު މުދަލުޒަކާތުގެ ފައިސާ ހޯދުމަށް ފަގީރުންގެ ގޮތުގައި 12335 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެއީ މާލޭ ސަރަހައްދުން 2239 ފަގީރުންނާއި އަތޮޅުތަކުގެ ތެރެއިން 9936 ފަގީރުންނެވެ.
އެގޮތުން، މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ ދޫކުރަން ނިންމާފައިވާއިރު، ޖުމްލަ 11،101،500 ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޒަކާތް ބެހުން އޮންނާނީ މިމަހުގެ 21-24 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 16:00 އަށެވެ.
މާލޭ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފަގީރުންނަށް ފައިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ. އެކަމަށްޓަކާ މިނިސްޓްރީގެ ހޯލުގައި 10 ކައުންޓަރު ބަހައްޓަން ނިންމާފައެވެ.
އަތޮޅުތެރޭގެ ފައިސާ ދޫކުރާނީ ރަށްރަށުގެ ރަށު ކައުންސިލްތައް މެދުވެރިކޮށް، އެރަށެއްގެ ރަށު ކައުންސިލުން ހަމަޖައްސާ ދުވަސްތަކާ ވަގުތުތަކެއްގައެވެ.
މިއަހަރުގެ މުދަލު ޒަކާތް ހޯދުމަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން މުއްދަތު ހުލުވާލި އެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދުނު ފަރާތުގެ ތެރެއިން މިނިސްޓްރީން ބަލާ އުސޫތަކަށްފެތޭ މީހުންގެ މައްޗަށް ލިސްޓެއް އެކުލަވާލައި، އެ ލިސްޓު ފައިނަލް ކުރުމުގެ ކުރިން ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނެވެ.