08 Nov 2016, 21:59
ކޮރަޕްޝަނާއި ކަޅު ފައިސާ އަދި ވަގު ފައިސާ ދައުރުކުރުމާ ދެކޮޅަށް އިންޑިއާގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެގައުމުގައި ބޭނުންކުރާ ފައިސާ، ރުޕީސްގެ ދެ ނޫޓެއް އުވާލައިފިއެވެ.
އިންޑިއާގައި ބޭޏުންކުރާ 500 ރުޕީސްގެ ނޫޓާއި 1،000 ރުޕީސްގެ ނޫޓު އުވާލިކަން އިއުލާނުކުރީ، މިރޭ ކުއްލި ގޮތަކަށް ދެއްވި ތަގުރީރެއްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ.
މި ދެ ނޫޓު، ސާކިއުލޭޝަނުން ނަގާ އިރު، އިންޑިއާ ސަރުކާރުން ވަނީ 500 ރުޕީސްއާއި 2،000 ރުޕީސްގެ އާ ނޫޓުތަކެއް ތައާރަފުކުރުމަށް ނިންމައިފައެވެ.
ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ، މިރޭ އިންޑިއާ ގަޑިން 00:00 އަށް ފަހު، 500 ރުޕީސްއާއި 1،000 ރުޕީސްގެ ނޫޓު އިންޑިއާގެ އިގްތިސާދުގައި ދައުރުކުރުން ހުއްޓުވާނެ ކަމަށެވެ. އެހެން ނަމަވެސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް، އިންޑިއާ ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކާއި، ޕެޓްރޯލް ސްޓޭޝަންތަކާއި ރެއިލްވޭ ރިޒަވޭޝަން ކައުންޓަރުތަކާއި އެއާޕޯޓުތައް ފަދަ ތަންތަނުގައި 500 ރުޕީސްއާއި 1،000 ރުޕީސްގެ ފައިސާ ނޫޓު ބޭނުންކުރެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ އޭޓީއެމްތައް މާދަމާ މަސައްކަތް ނުކުރާނެ ކަމަށާއި، ބުރާސްފަތި ދުވަހު ވެސް ބައެއް ސަރަހައްދުތަކުގައި އޭޓީއެމްތައް މަސައްކަތް ނުކުރާނެ ކަމަށެވެ. މި އިއުލާނާ އެކު، އިންޑިއާގެ ގިނަ ބަޔަކު ދަނީ ފައިސާ ނެގުމަށްޓަކައި އޭޓީއެމްތައް ކައިރީގައި ކިއުތައް ދަމާލައިފައެވެ.
މީގެ އިތުރުން މޯދީ ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ބޭންކުތަކާއި ޕޯސްޓް އޮފީސްތަކުން، 500 ރުޕީސްއާއި 1،000 ރުޕީސްގެ ފައިސާ ނޫޓުތައް އެއްކުރަމުން ދާނެ ކަމަށެވެ.
"ރައްޔިތުންގެ ފައިސާއަކީ ރައްޔިތުންގެ އެއްޗެއް. އެއްވެސް ރައްޔިތެއްގެ އަތުން ފައިސާ މަދެއް ނުވާނެ. ސަރުކާރުން އެކަން ޔަގީންކޮށްދޭނަން،" މޯދީ ވިދާޅުވިއެވެ.
"ގައުމަށްޓަކައި، ކަޅު ފައިސާއާއި ޓެރަރިޒަމާއި ކޮރަޕްޝަން އަދި ވަގު ފައިސާއާ ދެކޮޅަށް ކުރާ މިފަދަ ގައުމީ މަސައްކަތެއްގައި އަހަރެމެން އެންމެން ގުރުބާނީތަކެއް ވާންޖެހޭނެ،" މޯދީ އިންޑިއާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.