މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ދ. ކުޑަހުވަދޫ ބަލިކޮށް، ތ. ތިމަރަފުށީ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.

މިއަދު ހަވީރު އަމިއްލަ ރަށުގައި ކުޅުނު ސެމީގެ މެޗުގައި ކުޑަހުވަދޫގެ މައްޗަށް ތިމަރަފުށި ކުރި ހޯދާފައި ވަނީ 4-1 ލަނޑުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީގައި ތިމަރަފުށްޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ތިމަރަފުށިން ކާމިޔާބުކޮށްފައި ވަނީ 4-1 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނީ ވެސް ތިމަރަފުށިންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ތިމަރަފުށްޓަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އަހްމަދު ރަޝީދެވެ. ތިމަރަފުށިން ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައި ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ތިމަރަފުށްޓަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނާސިހު އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ތިމަރަފުށީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނާސިހު އެވެ. މެޗުގައި ކުޑަހުވަދޫ ކާމިޔާބުކުރި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ހަސަން އިބްރާހިމް ކާމިޔާބުކޮށްދިން އިރު، ތިމަރަފުށީގެ ހަތަރު ވަނަ ލަނޑު ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭ ކާމިޔާބުކޮށްދިނީ އަބްދުﷲ މުނާޒެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީގައި ތިމަރަފުށްޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ތިމަރަފުށިން ކާމިޔާބުކޮށްފައި ވަނީ 4-1 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މުބާރާތުގެ ފައިނަލުގައި ތިމަރަފުށި ނުކުންނަން ޖެހޭނީ ބ. އޭދަފުށްޓާ ދެކޮޅަށެވެ. އޭދަފުށިން ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ އިއްޔެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ އަތުން މޮޅުވެގެންނެވެ. ފައިނަލްގައި އޭދަފުށްޓާއި ތިމަރަފުށި ބައްދަލުކުރާ މެޗު ކުޅުމަށް ހަަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ގަލޮޅު ދަނޑުގައި ކުޅޭ އެ މެޗު ފެށިގެންދާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައެވެ.