13 Jun 2011, 16:08
ފުލުހުންގެ ގާނޫނުން ޕޮލިސް އިންޓަގްރިޓީގެ ކޮމިޝަންގެ މާއްދާތައް އުނިކޮށް، އެ ކޮމިޝަނަށް ވަކިން ހާއްސަ ގާނޫނެއް ހެދުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.
ޕޮލިސް އިންޓަގްރެޓީ ކޮމިޝަލްގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން އަބްދުރަހީމް އަބްދުﷲ ވިދާޅުވީ އެހެނިހެން މިނިވަން މުއައްސަސާތައް ފަދައިން ޕޮލިސް އިންޓަގްރެޓީ ކޮމިޝަނަށް ވެސް ވަކިން ހާއްސަ ގާނޫނެއް އޮންނަންވާނެ ކަމަށެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ގާނޫނެއް ވުޖޫދަށް އައުމުން ފުލުހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުލުހުންގެ މައްސަލަތައް ބެލުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ކޮމިޝަން ހެދޭނެ ކަމަށެވެ. އަދި ފުލުހުންގެ މައްޗަށް ކުރެވޭ ޣައިރު ގާނޫނީ އަމަލްތަކާމެދު ފުލުހުންގެ ގާނޫނުގެ ދަށުން އެ އަމަލްތައް ހުއްޓުވައި އެކަންކަން ބަލައި ފިޔަވަޅު އެޅޭނެ ފަދަ މުއައްސަސާއަކަށް އެ ކޮމިޝަން ހެދޭނެ ކަމަށް ވެސް އަބްދުރަހީމް އަބްދުﷲ ވިދާޅުވި އެވެ.
"ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޕޮރޮފެޝަނަލް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބައެއްގެ ގޮތުގައި ގާއިމް ކުރެވި، އަދި ފުލުހުންގެ މައްޗަށް ކުރެވޭ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަމަލް ކުރުން ހުއްޓުވައި، އެކަންކަން ބަލައި ފިޔަވަޅު އެޅޭނެ މިނިވަން މުއައްސަސާއެއް ގޮތުގައި ޕޮލިސް އިންޓަގްރެޓީ ކޮމިޝަން ގާއިމް ކުރުމަށް ބޭނުންވި ހިނދި، މީހަރު އަމަލް ކުރެވެމުންދާ ފުލުހުންގެ ގާނޫނުގެ ޕޮލިސް އިންޓަގްރިޓީގެ ބައިތައް ބަޔާންކޮށްފައިވާ މައްދާތައް އުނިކޮށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް ބޭނުންވާ ވަކި ގާނޫނެއް އޮތުމަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ." ބިލް ހުށަހަޅުއްވަމުން އަބްދުރަހީމް ވިދާޅުވި އެވެ.