08 Nov 2016, 23:24
ގާތްގަނޑަކަށް ވިހި އަހަރުގެ މެދުކެނޑުމަކަށްފަހު، ނެދަލެންޑްސްގެ ގައުމީ އެއާލައިން ކޭއެލްއެމުން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ފަށައިފި އެވެ.
މީގެ ކުރިން ކޭއެލްއެމްއިން ކޮލޮމްބޯއަށް ދަތުރު ކުރަމުން ދިޔައީ އަބޫ ދާބީ މެދުވެރިކޮށެވެ.
ނަމަވެސް މި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޭއެލްއެމްއިން ސްރީލަންކާއަށް ކުރާ ދަތުރުތަކަކީ އެމްސްޓަޑޭމާއި ކޮލޮމްބޯއާ ދެމެދު ސީދާ ކުރެވޭ ދަތުރުތަކެކެވެ.
ފިނި މޫސުމާ ދިމާކޮށް ކޮލޮމްބޯއަށް އުދުހެންފެށި ކޭއެލްއެމްއިން ސްރީލަންކާއަށް ގޮސްފައި ވަނީ ކޭއެލްއެމްގެ އާ އެއާކްރާފްޓު، ބޮއިންގް 787 ޑްރީމްލައިނާއެއްގަ އެވެ. އެ ފްލައިޓުގައި ސްރީލަންކާއަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތީ ރާއްޖެއާއި ސްރީލަންކާއަށް ނެދަލެންޑްސްއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޮއޭން ޑޫންވާޑެވެ.
ކޮލޮމްބޯއާއި ނެދަލެންޑްސްއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ. ފްލައިޓު ކޮލޮމްބޯގައި ޖައްސާނީ ހަފްތާގެ ހޯމަ އަދި ހުކުރު ދުވަހުއެވެ. އަދި އެނބުރި އެމްސްޓަޑޭމަށް ދާނީ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.
ކޭއެލްއެމްއިން ބުނި ގޮތުގައި މި ދަތުރުތަކާ އެކު، ކޭއެލްއެމްއިން މިވަނީ ދެކުނު އޭޝިއާއަށް، ނެދަލެންޑްސް މެދުވެރިކޮށް ވިލާތާއި އުތުރު އެމެރިކާ ބައްރަށް ދަތުރުކުރުމަށް އާ ގޭޓްވޭއެއް ހުޅުވައިދީފައެވެ.
ކޭއެލްއެމްއިން މީގެ ކުރިން އަބޫ ދާބީ މެދުވެރިކޮށް ކޮލޮމްބޯއަށް ކުރި ދަތުރުތައް ހުއްޓާލީ 1997 ވަނަ އަހަރު، ލަންކާގެ ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ.