އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ތަރައްގީކުރި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމި، ސީޕްލޭން އޮޕަރޭޝަންތައް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސްއަކީ، މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓެއް އޮޕަރޭޓުކުރާ ކުންފުންޏެވެ. ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި ގާތްގަނޑަކަށް 45 އެއާކްރާފްޓު އޮވެއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓުގައި، މި އޮޕަރޭޝަންތައް އިފްތިތާހުކޮށްފައިވަނީ އިއްޔެ އެވެ. ސީޕްލޭން އޮޕަރޭޝަންސް އިފްތިތާހު ކޮށްދެއްވީ، ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ޗެއާމަން ރިޗަޑް ސަލްދާނާއާއި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި އެމްބެސަޑަރު އަހްމަދު ޝިއާންއެވެ.

ގަން އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް އެޅުމަށް ީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ބޭސް -- ފޮޓޯ/ އޭއައިއޭ

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަލަ އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު "ސަން" އަށް މިއަދު ވިދާޅުވި ގޮތުގައި، ގަން އެއާޕޯޓުގެ ސީޕްލޭން އޮޕަރޭޝަންތައް އަމަލީގޮތުން ފަށާނީ، ގަން އެއާޕޯޓަށް އެރޯޑްރޯމް ސެޓިފިކޭޝަން ލިބުމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި މަހުގެ މެދެއްހާ ހިސާބުގައި އެ ސެޓިފިކޭޝަން ލިބޭނެއެވެ. އަދި ލަފާކުރެވޭ ގޮތުގައި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ސީޕްލޭން ދަތުރުތައް ފެށޭ ވަރު ވާނެ ކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ސީޕްލޭން ބޭސްއެއް އެޅުމަކީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ސީޕްލޭން ނެޓްވޯކްގެ ތެރެއަށް ވަދެގެން ދާނެ ކަމެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ބޭސް -- ފޮޓޯ/ އޭއައިއޭ

މީގެ ސަބަބުން ހުވަދު އަތޮޅުގެ ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބި، ދަތުރުމަތީގައި ހޭދަކުރަންޖެހޭނެ ވަގުތު ކުޑަވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިންޓަނޭޝަނަލް ފްލައިޓުތައް އައުމަށް ބާރުއެޅެއެވެ. ސަބަބަކީ، އައްޑޫއިން ސީޕްލޭން ދަތުރުތައް ކުރެވުމަކީ ދެކުނުގެ އަތޮޅުތަކަށް އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދާން ފަސޭހަ ވާނެ ކަމަކަށް ވާތީއެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ސީޕްލެން ދުއްވަނީ ރިސޯޓުތަކަށް ދާ ފަތުރުވެރިން އެއާޕޯޓުތަކުން ރިސޯޓުތަކަށް ގެންދިއުމަށް ކަމަށް ވާ އިރު، ފަތުރުވެރިކަން ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް ގުޅާލުމަށް ގަން އެއާޕޯޓުގެ ސީޕްލޭން ބޭސް ކުޅޭނެ ދައުރު ވަރަށް ބޮޑުވާނެއެވެ.

ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ނެޓްވޯކު އޮންނަ ގައުމެވެ.