މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މުވައްޒަފުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ފިޓްނަސް ޓްރެއިންނިން ޕްރޮގްރާމެއްގައި ބައިވެރި ވުމަށް ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޓީސީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައިވަނީ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުންް ސޮއި ކުރެއްވީ އެކުންފުނީގެ ސީއެފްއޯ މުހައްމަދު ހިލްމީ އެވެ. އަދި ޓީއެފްޖީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހުސެއިން ޒިނާނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިލްމީ ވިދާޅުވީ އެ ޕްރޮގްރާމުގައި ބައިވެރި ވުމަށް 10 މުވައްޒަފަކަށް ފުރުސަތު ދޭނެ ކަމަށާއި، މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ވޮލަންޓިއާ ކުރަން ބޭނުންވާ މުވައްޒަފުންގެ ތެރެއިން ކަމަށެވެ. އަދި އެ ފަދަ އިތުރު ފިޓްނަސް ޕްރޮގްރާމްތައް އަންނަ އަހަރުވެސް ހިންގާނެ ކަމަށާއި، އެ ފަދަ ޕްރޮގްރާމުތަކުގެ ސަބަބުން އެމްޓީސީސީގެ ވަޒީފާއަށް ވަންނަން ޝައުގުވެރިވާ ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

ޒިނާން ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗެލެންޖެއްގެ ގޮތުގައި ކަމަށާއި، އެ ޗެލެންޖުގެ ތެރެއަށް ހަށިހެޔޮކަން ބަލާ މިންގަނޑު ދެނެގަންނާނެ ޗެލެންޖެއް އެކުލަވާލާފަ ވާނެ ކަމަށެވެ.

"ބައިވެރިން ފުރަތަމަ ހަފްތާގަ ފަށާއިރުވެސް ޗެލެންޖުގެ ތެރޭގަ ފަށާފަ، ނިންމާނީވެސް ހަމަ އެޗެލެންޖުން. އެ ޗެލެންޖުން އެސެސް ކުރީމަ އަޅުގަނޑުމެންނަށް އެނގޭނެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދާ ބައިވެރިއެއް. ދެން އެގޮތުން އެންމެ ރަނގަޅު ކުރިއެރުމެއް ހޯދާ ބައިވެރިއަކަށް ޓީއެފްޖީގެ ފަރާތުން މެމްބާޝިޕެއްވެސް ހިލޭ ދޭ ގޮތަށް ރާވާފަ އޮތީ،" ޒިނާން ވިދާޅުވި އެވެ.

އެ ފިޓްނަސް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ފަސް ހަފްތާގެ މުއްދަތަކަށެވެ.