މ. މުލީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު އެ ރަށުގެ މަގެއްގެ މައްޗަށް އެއްލާފައި އޮއްވާ ފެނިގެން ފަރުވާ ދިނުމަށް ރޭ މާލެ ގެނެސްފި އެވެ.

ޒަހަމްކޮށްލުމަށް ފަހު އިއްޔެ މެންދުރު ފަހު މުލީ ރަށްވެހި މަގަށް އެއްލަލާފައި އޮއްވާ ފެނުނީ އެރަށު ނައިޓް ރޯސް، ހަސަން ހަމީދު 26، އެވެ.

ފުލުހުން ބުނީ ހަސަނަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ އާ ގުޅިގެން މުލިން މީހަކު ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ހަސަންގެ ބޭބެ އަބްދުﷲ ހަމީދު ބުނީ ކޮއްކޮއަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބޮލުގެ ފުއްކިބައިގަ ތޫނު އެއްޗަކުން ޖަހައިގެން ކަމަށެވެ. އެ ހަމަލާގައި ކޮއްކޮގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް ހަމީދު ބުންޏެވެ. އޭނާ އަދި ބުނީ ކޮއްކޮ ފެނުނުއިރު ހޭވެސް ނެތިފައިވާ ކަމަށެވެ.

"ޑޮކަޓަރު ވިދާޅުވީ ބޮލުގެ ފުއްކިބައިގެ ކަނާތް ފަޅީގައި މީހަކު ޖެހުމުން ސިކުނޑީގެ އެއްބައި މަރުވެފައި ހުރި ކަމަށް. އެކަމަކު ތިން މަސްފަހުން އެކަން ރަނގަޅުވާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި. އެ ތިން މަސް ތެރޭ ހަމަޖެހޭ ވާހަކަ އެއް ނުދައްކާނެ ކަމަށްވަނީ،" ހަމީދު ބުންޏެވެ.

އޭނާ ބުނީ ހަސަން މާލެ ގެނައުމުން އައިޖީއެމްއެޗްގައި ބޮލުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށާއި ނަމަވެސް ކޮއްކޮއަށް އެއްވެސް ވާހަކައެއް ދެއްކޭވަރު ނުވާ ކަމަށެވެ.

"އެކަމަކު ކޮންމެވެސް ވަރަކަށް ހަރަކާތް ކުރޭ،" އޭނާ ބުންޏެވެ.

ޒަހަމްކޮށްލާފައިވާ ހަސަންގެ އާއިލާއިން ބުނީ ހަސަނަށް ފަރުވާ ދިނުމަށް އިތުރު ތިން އޮޕަރޭޝަން އަދިވެސް ކުރަން ޖެހޭ ކަމަށާއި ވީހާވެސް އަވަހަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.

"މިއަދު މިކުރީ ބޮލުގެ ނާށިގަނޑުގެ ތަންތަންކޮޅު ބޮލުތެރޭގައި ފޭދިފައި ހުރި ލޭތަށް ސާފު ކުރީ. އިތުރު ތިން އޮޕަރޭޝަނެއް އަދި ކުރަންޖެހޭ ކަމަށް ބުނީ،" ހަމީދު ބުންޏެވެ.