08 Nov 2016, 14:13
މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ފީއެއްނަގައި 261 މިލިއަން ރުފިޔާ ދައުލަތައް ހޯދުމަށް ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ބަޖެޓުގައި ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ދުއްވާ ހަތަރުފުރޮޅީ އަދި ދެ ފުރޮޅުލީ އުޅަނދުތަކުން ފީއެއް ނެގުމަށް ސިޔާސަތައް ބަދަލު ގެނައުމަށް ވަނީ ހުށައަޅާފަ އެވެ.
އެފީނަގާނެ އުސޫލެއް އަދި މިންވަރެއް ހާމައެއް ނުކުރެ އެވެ.
ފިނޭންސް އިން ބުނީ އެފީނެގުމަށް ނިންމާފައި ވަނީ މާލެ ސަރަހައްދުގެ ކާރުބާރޫބޮޑުވެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވަމުންދާތީ އެކަން ހައްލު ކުރުމަށް ކަމަށެވެ.
މާލެއަށް އުޅަނދު އެތެރެކުރުމާއި ދުއްވުމުގައި ވަކި ކޮންޓުރޯލެއް ނުގެންގުޅެ އެވެ. ފުލުހުން ވަނީ މާލޭގައި ދުއްވޭނެ އުޅަނދުގެ އަދަދެއް ކަނޑައަޅައި އެއުޅަނދެއް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައެޅުމަށް އަންގާފަ އެވެ.
ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒް ވިދާޅުވީ މާލޭގައި ދުއްވޭ ވެހިކަލް އަދަދު ކޮންޓުރޯލް ކުރުމުގެ ވިސްނުމެއް ކުރިން ގެންގުޅުނު ނަމަވެސް މިހާރު އެކަމުގެ މަސައްކަތެއް ނުކުރެވޭ ކަމަށެވެ.
ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައެޅިފައިނެތުމުން މަގުތަކަށް ކާރުބާރޯބޮޑުވެ ހިނގާ ބިނގާވެ އުޅުމަށް ދަތިތަކާއި ކުރިމަތިވެ އެވެ. ހަމައެއާ އެކު ޖައްވު ނުސާފްވެ އެވެ.