08 Nov 2016, 13:44
ައަންނަ އަހަރު ސަރުކާރުން ހިންގަން ނިންމާފައިވާ ބޮޑު 16 މަޝްރޫއުގެ ތެރޭގައި ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމާއި ވިޔަފާރި ބޭނުމަށް 20 ފަޅު ހިއްކުމުގެ މަޝްރޫއު ހިންގުމާއެކު ޖުމްލަ 704 މަޝްރޫއެއް ހިންގުމަށް އަށް ބިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓަށް ސަރުކާރުން ހުށަހަޅައިފިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅި 2017 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި، ޕީއެސްއައިޕީގެ ބަޖެޓަށް ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅާފައިވާ 26 ބިލިއަން ރުފިޔާގެ 29.8 ޕަސެންޓެވެ. އެއީ ލޯނު އެހީއިން ލިބޭނެ ކަމަށް ލަފާ ކުރާ 2.8 ބިލިއަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ 793.1 މިލިއަން ރުފިޔާގެ އިތުރުން ސަރުކާރުގެ އާންމު ބަޖެޓުން ހިމަނާފައިވާ 4.3 ބިލިއަން ރުފިޔާ ހިމެނޭ ގޮތަށް ޖުމަލް އަށް ބިިލިއަން ރުފިޔާއެވެ.
ޕީއެސްއައިޕީ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރަން ހުށަހަޅާފައިވާ މައިގަނޑު 16 މަޝްރޫއު:
ހުޅުމާލެ ތަރައްގީކުރުން: 121 މިލިއަން ރުފިޔާ
ހދ. ކުޅުދުއްފުށީ އެއާޕޯޓު (ބިން ހިއްކުމާ އެކު): 157 މިލިއަން ރުފިޔާ
ށ. ފުނަދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 150 މިލިއަން ރުފިޔާ
ގދ. ފަރެސްމާތޮޑޯ އެއާޕޯޓު (ބިން ހިއްކުމާ އެކު): 147 މިލިއަން ރުފިޔާ
ފ. ނިލަންދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 171 މިލިއަން ރުފިޔާ
އައިޖީއެމްއެޗުގެ އާ އިމާރާތް: 1.3 ބިލިއަން ރުފިޔާ
ބިން ހިއްކާފައިވާ ތަންތަނުގައި އަޅާ 600 ހައުސިން ޔުނިޓު: 90 މިލިއަން ރުފިޔާ
- ސައުދީ ރަސްގެފާނުގެ މިސްކިތް: 230 މިލިއަން ރުފިޔާ
- މާލެ-ހުޅުލެ ބްރިޖު: 287 މިލިއަން ރުފިޔާ
- އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން: 864 މިލިއަން ރުފިޔާ
- މާލެ - ހުޅުލެ ބްރިޖްގެ މަޝްރޫޢާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުތައް: 34 މިލިއަން ރުފިޔާ
- ވިޔަފާރި ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުން: 107 މިލިއަން ރުފިޔާ
- ތިލަފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުން: 100 މިލިއަން ރުފިޔާ
- ފިނޭންސްގެ އާ އިމާރާތް: 132 މިލިއަން ރުފިޔާ
- ފެނާއި ނަރުދަމާ: 101 މިލިއަން ރުފިޔާ
- އެެހެނިހެން މަޝްރޫއުތައް: ހަތަރު ބިލިއަން ރުފިޔާ
އަންނަ އަހަރަށް ލަފާ ކުރާ ޕީއެސްއައިޕީ ބަޖެޓުގައި އަލަށް ފަށާ 293 މަޝްރޫޢަށް 2.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ޕީއެސްއައިޕީގެ ބަޖެޓުގެ ބޮޑުބައެއް އަންނަ އަހަރު ހޭދަ ކުރަން ހަމަޖައްސާފައިވަނީ މިހާރު ހިނގަމުންދާ މަޝްރޫއުތަކަށެވެ. އެގޮތުން މިހާރު ހިނގަމުންދާ 411 މަޝްރޫއަކަށް 5.1 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައިވެއެވެ. މިއީ މުޅި ޕީއެސްއައިޕީގެ 63.6 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރާ ޚަރަދުގެ 35.4 އިންސައްތަ އަކީ ލޯނާއި ސުކޫކް ފަދަ ދަރަނިން ހިންގުމަށް ހަމެޖެހިފައިވާ މަޝްރޫޢުތަކެވެ. އަދި 54.7 އިންސައްތަ އަކީ ދައުލަތުގެ އާންމު ބަޖެޓުން ހިންގާ މަޝްރޫޢުތަކެވެ. އާންމު ބަޖެޓުން ހިންގާ މަޝްރޫޢުތަކުގެ ބޮޑު އިންސައްތައެއް ބިނާވަނީ ދައުލަތަށް ލިބޭ އާމްދަނީއަށެވެ. އަދި 9.9 އިންސައްތަ ޚަރަދު ކުރާނީ ހިލޭ އެހީންނެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް 2.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ސިއްހީ އަދި އިޖުތިމާއީ ޚިދުމަތް ދޭ ތަންތަން ތަރައްގީ ކުރުމަށް 1.8 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާ އިރު އަތޮޅު ތެރޭގެ ރަށް ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް 796.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 603.2 މިލިއަން ރުފިޔާ ބެޖެޓު ކޮށްފައިވެއެވެ. ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތައް ހިންގަން 585 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 494.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.