އެމެރިކާގެ 45 ވަނަ ރައީސް އިންތިޚާބު ކުރާ، އެ ގައުމުގެ މި އަހަރުގެ ރިޔާސީ އިންތިޚާބު މިއަދު ފަށައިފި އެވެ.

އެގައުމުގެ ރިޔާސީ އިންތިޚާބު ފަށާފައި ވަނީ އެމެރިކާގެ ގަޑިން މިއަދު ހެނދުނު 06:00 ގަ އެވެ. ވޯޓު ފޮށިތައް ބަންދު ކުރާނީ އެމެރިކާ ގަޑިން މި ރޭ 8:00 ގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޔާސީ އިންތިޚާބު ފަށާފައިވާ އިރު މި އިންތިޚާބުގައި އެމެރިކާގެ 50 ސްޓޭޓެއްގައި ޕޯލިން ބޫތުތައް ގާއިމް ކޮށްފައި އެބަ ހުއްޓެވެ. މި އިންތިޚާބުގައި އެގައުމުގެ 120 މިލިއަން މީހުން ވޯޓުލާނެ ކަމަށް ބެލެވެ އެވެ.

އެ ގައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ އިރު، އެގައުމުގެ އެންމެ ކުޑަ ޓައުން ކަމުގައިވާ ނިއު ހެމްޝަޔާގެ ޑިކްސްވިލީ ނޮޗުގެ ވޯޓުލުން ވަނީ ނިމިފަ އެވެ. އެ ޓައުންގައި ދިރިއުޅެނީ 12 މީހުންނެވެ.

ހެމްޝަޔާގެ ޑިކްސްވިލީ ނޮޗުގެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާ އިރު ކުރީގައި އުޅެނީ ހިލަރީ ކްލިންޓަން އެވެ. ކްލިންޓަން އަށް އެ ފޮށިން ހަތަރު ވޯޓު ލިބިފައިވާ އިރު ވާދަވެރި ޑޮނަލްޑް ޓްރަމްޕްއަށް ލިބިފައި ވަނީ ދެ ވޯޓެވެ.

ދެން ވޯޓު ދިނީ ލިބަޓޭރިއަން ޕާޓީގެ ގެރީ ޖޯންސަން އަށް އެއް ވޯޓު އަދި އަމިއްލަ އަށް ލިޔެގެން ދިން ވޯޓުގެ ގޮތުގައި މިޓް ރޮމްނީ އަށް އެއް ވޯޓެވެ.

މިދިޔަ 2010 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 41 މީހުންގެ އާބާދީއެއް އޮންނަ ނިއު ހެމްޝަޔާގެ ހާޓްސް ލޮކޭޝަންގެ ވޯޓުލުންވެސް ވަނީ މިހާރު ނިމިފަ އެވެ. އެ ފޮށީގެ ނަތީޖާއަށް ބަލާއިރު ހިލަރީ އަށް ވަނީ 17 ވޯޓު އަދި ޓްރަމްޕަށް 14 ވޯޓު ލިބިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ހަތަރު ބޭފުޅަކު ވާދަ ކުރައްވަ އެވެ. އެއީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ހިލަރީ ކްލިންޓަން އާއި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ގްރީން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ޖިލް ސްޓެއިން އާއި އަމިއްލަ ކެންޑިޑޭޓް، އިވާން މެކްކުލިން އެވެ.