އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާ މެދުވެރިކޮށް ދިނީ ނަފްސާނީ މައްސަލައެއް ހުންނަ މީހަކަށް ވުމުން އާއިލާއިން އެކަން ފުލުހުންނަށް ހުށައަޅައިފި އެވެ.

ހދ.ކުރިނބީއަށް ނިސްބަތްވާ އެކުއްޖާއާ ގުޅޭ ގޮތުން އޭނާގެ ބޭބެ މިއަދު ސަން އަށް ބުނީ 29 އަހަރުގެ އޭނާގެ ކޮއްކޮއަކީ މީގެ ހަތް އަހަރު ކުރިން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށާއި އެއީ އޭނާ އެފަދަ ކަމެއް ކުރަންވެގެން ބުނި އެއްޗެއް ނޫން ކަމަށެވެ.

"ފުލުހުންނަށް ޑޮކިއުމެންޓާ އެކު ހުށައަޅައިފިން، މިދޭތެރެއިން ވަރަށް ރަނގަޅުވެފައި ހުރީ، އެކަމަކު މިހާރު ސަކަރާތްވީ،" އޭނާގެ ބޭބެ ބުންޏެވެ.

ނަފްސާނީ ބައްޔަށް ފަރުވާހޯދުމަށް އޭނާ ވަނީ ވަރަށް ފަހުން މާލެއައިސްފަ އެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދައްކަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށާއި އޭނާ އެހޮސްޕިޓަލް ދެކެ ރުޅިވެރިކަން އުފެދިގެން އުޅެނީ އެހެންވެ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

ފުލުހުންް ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ. ތަފްސީލެއް ހާމައެއްނުކުރެ އެވެ.