ރާއްޖޭގެ 2016 ވަނަ އަހަރުގެ ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިން ވޯޓާ (ގްލާސް) ރިޕޯޓް ތައްޔާރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

އެ މަޝްވަރާ ބައްދަލުވުމުން ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ސެންޓްރަލް ހޮޓެލްގަ އެވެ. ގްލާސް އަކީ އދ. އާއި ޑަބްލިޔުއެޗްއޯ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ގްލާސް ޕްރޮގްރާމްގެ މަގްސަދަކީ އެ ދާއިރާއިން ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކަށް ފެނާއި ނަރުދަމާ އަދި ސާފުތާހިރުކަމާ ގުޅޭ ގޮތުން ދާއިރާގެ އިންވެސްޓްމެންޓްތަކާއި ފެނާއި ނަރުދަމާގެ ތަފާސް ހިސާބުތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދީ، އެކި ނިންމުންތަކަށް އެހީތެރިވެދޭނެ ޑޮކިއުމެންޓްއެއް ތައްޔާރުކޮށްދިނުން ކަމަށެވެ.

މިއަދު ސެންޓްރަލް ހޮޓެލްގައި ފެށި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު ސެންޓަރަލް ހޮޓެލްގައި އެ ބައްދަލުވުން ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން އެ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ އެ އޯގަނައިޒޭޝަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިގް މާތުރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ، މިއަދު ފެށި މަސައްކަތަކީ ވަރަށް ޕްރޮފެޝަނަލްކޮށް ކުރެވިގެންދާނެ މަސައްކަތެއް ކަމަށެވެ. އެގޮތުން އެފަދަ ރިޕޯޓެއް ތައްޔާރުކުރާ އިރު، ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއަށް އައިސް އެ ރިޕޯޓް ތައްޔާރުކުރާ ފަރާތްތަކަށް ތަމްރީނު ދިނުމަކީ ރިޕޯޓް ފުރިހަމަވެގެންދާނެ ކަމެއް ކަމަށް މަތީން ފާހަގަކުރެއްވި އެވެ.

ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ، އެ ރިޕޯޓުން މިހާރު ސަރުކާރުން ވޭތުވެ ދިޔަ ތިން އަހަރު ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ގޮތް ވެސް ފެނިގެންދާނެ ކަމަށެވެ.

މިއަދު ސެންޓްރަލް ހޮޓެލްގައި ފެށި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިސަރުކާރު ފެށުނު އިރު ނަރުދަމާ އެޅިފައި އޮތީ 31 ރަށުގައި ކަމުގައި ވިޔަސް، މިހާރު އިތުރު 40 ރަށެއްގައި ނަރުދަމާ ގާއިމްކުރެވޭނެކަން ވަނީ ޔަގީންވެފައި. އޭގެ 10 ރަށެއް ނިންމައި ހިދުމަތްދޭން ފަށާފައިވާ އިރު 21 ރަށެއްގެ އަމަލީ މަސައްކަތް ކުރިއަށްއެބަދޭ. އަދި އިތުރު ރަށްތަކަކަށް ވަނީ ފައިނޭންސް ހަމަޖެހި އެގްރިމެންޓް ސްޓޭޖްގައި،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2018 ނިމޭއިރު އާބާދީގެ 75 ޕަސެންޓަށް ރައްކާތެރި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ހޯދައިދިނުން ކަމަށެވެ.

މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި ކަމާ ގުޅޭ އެކި އިދާރާތަކުން ބައިވެރިވެ އެވެ.