08 Nov 2016, 11:07
ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ފީއަކާއި ދިވެހި ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި އެނާޖީ ޑްރިންކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރަށް ލަފާ ކުރާ، 26 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލިބޭނެ ކަމަށް ބެލެވޭ 21.9 ބިލިއަން ރުފިޔާގެ އާމްދަނީ އިތުރުކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ސިއްހަތަށް ގެއްލުންވާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ވަނީ ނިންމާފަ އެވެ.
ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިހާރު ސިނގިރޭޓަކުން ޑިއުޓީއަށް 1.25 ރުފިޔާ ނަގާއިރު އަންނަ އަހަރު 1.75 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި މިހާރު އެނާޖީ ޑްރިންކުން ނަގާ 15 ޕަސެންޓް ޑިއުޓީ 20 ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅައިފަ އެވެ.
ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފަށާ 25 ޑޮލަރާ އެކު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އޭގެ އިތުރުން ޓެކްސީ ޕާމިޓްސް ވިއްކައިގެން 12 މިލިއަން ރުފިޔާއާއި އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖްގެ ގޮތުގައި 566 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެކުއިޒިޝަން ފީ އިން 500 މިލިއަން ލިބޭނެ ކަމަށް ލަފާކުރާއިރު ބިންވެރިކޮށްދީގެން 500 މިލިއަން ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އަންނަ އަހަރަށް ލިބޭ އާމްދަނީގެ 64.1 ޕަސެންޓް ލިބޭނެކަމަށް ބެލެވެނީ ޓެކްސްގެ ގޮތުގަ އެވެ. ޓެކްސް ނޫންގޮތްގޮތަށް 22 ޕަސެންޓް ހިއްސާކުރާއިރު އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންކަމުން 9.3 ޕަސެންޓް ހިއްސާކުރާނެ ކަމަށް ލަފާކުރެ އެވެ.
އަންނަ އަހަރު ބަޖެޓުގެ ތަފްސީލީ މައުލޫމާތު އަދި ހާމަނުކުރާތީ ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ތަފްސީލެއް ނޭނގެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ 26 ބިލިއަން ރުފިޔާގެ ބަޖެޓަކީ އަރަނި ބަޖެޓެއް ކަމަށެވެ. އެހެންކަމުން ލިބޭ އާމްދަނީއާއި ހަރަދު ދެކޮޅު ޖެއްސޭނެ އެވެ.