08 Nov 2016, 10:51
ދައުލަތުގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް ބިނާވެފައި އޮންނަން ވާނީ އެ މުވައްޒަފަކު ކުރާ މަސައްކަތުގެ ނަތީޖާއަށް ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓު ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ ނޭޝަނަލް ޕޭ ކޮމިޝަނުގެ މަގްސަދުތަކުގެ ތެރޭގައި އެކި ފަންނުތަކާއި ގިންތި ތަކުގެ މެދުގައިވާ މުސާރައިގެ ތަފާތުތައް ކުޑަކުރުން ހިމެނޭ ކަމަށެވެ. އަދި ދެވޭ މުސާރައާއި އިނާޔަތްތަކަކީ އޭގެ މާނަ ހުރި އަދި މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރާނެ ވަސީލަތަކަށް ހެދުން ހިމެނޭ ކަމަށެވެ.
"މިކަމަށްޓަކައި މުވައްޒަފުންގެ އުފެއްދުންތެރިކަން މިން ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ. ދައުލަތުން ދެވޭ ބޯނަހާއި އެހެނިހެން އެފަދަ އެލަވެންސްތައް ބިނާ ވެފައި އޮންނަން ވާނީ ޚިދުމަތް އަދާ ކުރުމުގައި އެ މުވައްޒަފަކަށް ނެރެވޭ ހެޔޮ ނަތީޖާއެއްގެ މައްޗަށް،" މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން، ދައުލަތުގެ މުސާރައިގެ ސިޔާސަތު ބިލް ފާސް ކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ޕޭ ކޮމިޝަން ވުޖޫދަށް އައިސްފައިވަނީ މި ސިޔާސަތުގެ ދަށުންނެވެ.
މި ކޮމިޝަނުގެ މެމްބަރު ކަމަށް މިހާރު ވަނީ ފަސް ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެއީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑރ. އިސާމް މުހައްމަދާއި އެމްއެމްއޭގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ލުބްނާ އަބްދުލްގާދިރާއި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލުގެ އިތުރުން ފައިނޭންޝިއަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ އެވެ.