ނިއުދިއްލީ(ނޮވެމްބަރު 8): އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން ކުރިމަތިވާ ވިޔަފާރީގެ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި އިންޑިޔާއާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރައްވާކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނިއުދިއްލީގައި އިންޑިޔާގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ތެރީސާ ވިދާޅުވީ، އިންޑިޔާއާއި އިނގިރޭސިވިލާތުގެ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި އިންޑިޔާގެ ވިޔަފާރިވެރީން އިނގިރޭސިވިލާތަށް ދަތުރުކުރަން ފަސޭހަވާފަދަ ގޮތަކަށް ވިސާގެ ކަންތައް ހަމަޖެއްސުމާމެދު އިންޑިޔާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާފައިވާކަމުގައެވެ. މިމަޝްވަރާތަކުގެ އަލީގައި އަދި އިންޑިޔާގެ ވިޔަފާރިވެރީންނަށް ފަސޭހަވާފަދަ ގޮތަކަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް އިނގިރޭސި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށްވެސް ތެރީސާ ވިދާޅުވިއެވެ.

އިންޑިޔާގެ ވިޔަފާރިވެރީން އިނގިރޭސިވިލާތަށް ދަތުރުކުރުމަށާއި އިނގިރޭސިވިލާތުގައި ތިބުމަށް ފަސޭހަ ކުރުމުގެ ގޮތުން އިނގިރޭސި ސަރުކާރުން ނިންމި ކަންތައްތަކުގެ ތެރޭގައި ތަކުރާރުކޮށް ވިސާލިބުން ފަސޭހަކުރުމާއި އިންޑިޔާގެ ވިޔަފާރިވެރީންނަށް އިނގިރޭސިވިލާތުގައި ފަސޭހައިން ވަޒަންވެރިވުމުގެ ކަންތައް ފަސޭހަ ކުރުމުގެ އިތުރުން ވިސާގެ ކަންތައްތަކުގެ ތެރޭން އަލުން މުރާޖަޢާކޮށް އިސްލާހް ކުރަން ބޭނުންވާ ކަންކަން އިންޑިޔާގެ ވިޔަފާރިވެރީންގެ ފަރާތުން އިނގިރޭސި ސަރުކާރަށް ހުށަހެޅުމުގެ ފުރްސަތު ދިނުން ހިމެނެއެވެ.

ތެރީސާ މޭ އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި އެކަމަނާ ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ބައްދަލުކުރައްވައިފައެވެ. އަދި އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީއާ ބައްދަލުކުރެއްވުންވެސް ތެރީސާގެ އެޖެންޑާގައި ހިމެނެއެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ ތިންވަނަ އިގްތިސާދެވެ. އަދި އިނގިރޭސިވިލާތުގެ އިގްތިސާދު ހީނަރުވަމުންދާއިރު އިންޑިޔާގެ އިގްތިސާދު ކުރިއަރަމުންދާތީ އިންޑިޔާ މިހާރުވަނީ އިގްތިސާދީ ގޮތުން އިނގިރޭސިވިލާތާ ދާދި އެއްވަރުވެފައެވެ. ދެގައުމުގެވެސް ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) އުޅެނީ 2.5 ޓްރިލިޔަން ޑޮލަރާއި 2.6 ޓްރިލިޔަން ޑޮލަރާ ދެމެދުގައެވެ.

ދުނިޔޭގެ އިގިތްސާދީ ރޭންކަށް ބަލާއިރު އިނގިރޭސިވިލާތަކީ 6 ވަނަ އިގްތިސާދެވެ. އިންޑިޔާއަކީ 7 ވަނަ އަގްތިސާދެވެ. ނަމަވެސް އަންނައަހަރު އިނގިރޭސި އިގްތިސާދުގެ މައްޗަށް އިންޑިޔާ ކުރިހޯދައި ދުނިޔޭގެ 6 ވަނަ އިގްތިސާދީ ބާރުގެ މަގާމު އިންޑިޔާ ހޯދާނެކަމަށްވަނީ ބެލެވިފައެވެ. މިހާރަށް ބަލާއިރު ދުނިޔޭގެ އެއްވަނަ އިގްތިސާދަކީ ޗައިނާއެވެ. ދެވަނައަށް އެމެރިކާއެވެ. ތިންވަނައަށް ޖަޕާނެވެ. ހަތަރުވަނައަށް ޖަރުމަނެވެ. ފަސްވަނައަށް ފަރަންސޭސިވިލާތެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމާފައިވާތީ އެގައުމުން ގެންދަނީ ޔޫރަޕްގެ އިއްތިޙާދުގައި ނުހިމެނޭ ދުނިޔޭގެ އެހެން ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)