08 Nov 2016, 09:43
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް ހުށަހަޅައިފިއެވެ.
ވޭތުވެދިޔަ އަހަރު ތަކުގައި މުޅިންހެން ހުށަހަޅަމުން ގެންދަނީ ލިބޭ އާމްދަނީއަށްވުރެ ކުރެވޭ ހަރަދު ބޮޑު ބަޖެޓުތަކެވެ. 2015 ވަނަ އަހަރުގެ ބަޖެޓު 4.1 ބިލިއަން ރުފިޔާ ޑެފިސިޓްވެފައިވާއިރު 2016 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 4.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ލިބޭ އާމްދަނީއަށްވުރެ ހަރަދު ކުޑަވާނެ ކަމަށް ލަފާކުރާބަޖެޓެކެވެ.
މިނިސްޓަރު މިއަދު ހުށަހެޅުއްވި ބަޖެޓުގެ 51 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 14 ބިލިއަން ރުފިޔާއެވެ. ބާކީ 49 ޕަސެންޓް ހަރަދު ކުރަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.
ރިކަރަންޓް ހަރަދުގެ 61 ޕަސެންޓް މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް ހަރަދުކުރާން ހުށަހަޅާފައި ވާއިރު، 16 ޕަސެންޓް ހަރަދުކުރަނީ އޮފީސް ތަކުގެ މަރާމާތާއި ހިންގުމުގެ ހަރަދުތަކަށެވެ. އަދި ނުވަ ޕަސެންޓް ހަރަދު ކުރަނީ ދައުލަތުން ދޭ އެހީތަކަށެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ސަރުކާރުން ފަށާފައިވާ އިގްތިސާދީ ކަންކަމަށް މަގުފަހިކުރެވޭގޮތަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ. އެ ބަޖެޓަކީ ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވުގައި 630 މިލިއަން ޑޮލަރު ހުންނާނެކަމަށް ބެލެވޭއިރު އަންނައަހަރު އެ މުއްދަތުގައި 605 މިލިއަން ޑޮލަރަށް އަރާނެ ކަމަށްބެލެވެއެވެ.
މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 36.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭއިރު އޭގެތެރޭން 28 ޕަސެންޓަކީ ބޭރުގެ ދަރަންޏެވެ.
މިއަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓު 3.9 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެއެވެ. އެއީ އިމާރާތް ކުރުމަށް އަންނަ ކުރިއެރުންތަކާ ގުޅިގެންނެވެ. އަދި އަންނަ އަހަރު އެއަދަދު 4.7 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.