08 Nov 2016, 09:02
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމުން ފުލުހުން އެމައްސަލަ ބަލަން ފަށައިފި އެވެ.
މިހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކު ވަނީ އައިޖީއެމްއެޗް ގޮއްވާލާނެކަމުގެ އިންޒާރު ދީފައެވެ. ސަބަބެއް އަދި ކުރާނެ ގޮތެއް ނުބުނެއެވެ.
ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެފަދަ އިންޒާރުތަކެއްގެ ސަބަބުން އެކަން ބަލަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
"މިހާތަނަށް ހާމަކުރެވެން އޮތީ އެކަން ބަލަމުން އަންނަ ކަމަށް، އިތުރަށް ހާމަކުރެވޭކަށް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މީގެ އަހަރުތަކެއްކުރިން ފެށި އައިޖީއެމްއެޗްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުންގެންދަނީ ފުލުހުންގެ ރިޒާވްފޯސްއިންނެވެ.
އެހޮސްޕިޓަލް ގޮއްވާލާނެކަމުގެ އިންޒާރު ދީފައިވާއިރު އެއީ ޓެރަރިޒަމްގެ ކުށެކެވެ. އެފަދަ ކުށް ސާބިތުވުމުން ދިގު މުއްދަތަކަށް ޖަލުހުކުމެއް ކުރެވޭނެއެވެ.