13 Jun 2011, 15:02
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދިވިދިގެން ހަތަރު ފަހަރެއްގެ މަތިން ކޯރަމް ގެއްލުމުން އެންމެ ފަހުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމާލައިފި އެވެ.
މަޖިލީހުގެ މިއަދު މެންދުރު ފަހު 1:30 ނެގި ވޯޓްގައި ޑރ. އަފްރާޝީމް އަލީ ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން ވަކިކުރުމަށް މަޖިލީހުން ފާސްކޮށް ނިންމައި ބިލްތަކުގެ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަން ފެށުމާ އެކު މިއަދު ވަނީ ކޯރަމްގެ މައްސަލަ ކުރިމަތިވެފަ އެވެ. އަދި މަޖިލީސް މެންބަރުން ވާހަކަފުޅު ދައްކަވަމުން ދަނިކޮށް ހަތަރު ފަހަރެއްގެ މަތިން ކޯރަމް ގެންލުމުން، ބަހުސްގެ މަރުހަލާގައި ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ. އަދި ޖަލްސާ ނިންމާލަން 10 މިނިޓަށްވެފައި ވަނިކޮށް، ކޯރަމް ގެއްލުމުން، ފަސް މިނިޓްގެ ރަގަބީލަށް ފަހު ވެސް ޖަލްސާގެ ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނިންމާލީ 2:20ގަ އެވެ.
މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާފެށިފަހުން ކޮންމެ ދުވަހަކު ވެސް ކޯރަމްގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ދެ ފަހަރެއްގެ މަތިން ކޯރަމް ގެއްލިގެން، ގަޑިއެއްހާއިރަށް ޖަލްސާ މެދުކަނޑާލި އެވެ. އަދި އެކަމާ ގުޅިގެން ރިޔާސަތުން އެތައް ފަހަރަކު މެންބަރުންނަށް އެކަން ތަކުރާރު ނުކުރުމަށް އެދިވަޑައިގެނަފައިވެ އެވެ.
ބަހުސްގެ މަރުހަލާގައި ޖަލްސާތައް މެދުކަނޑާލަން ޖެހެނީ 26 މެންބަރުންގެ ކޯރަމް ހަމަނުވުމުންނެވެ.
މިއަހަރުގެ ދެ ވަނަ ދައުރުގައި ބޭއްވި ފަސް ޖަލްސާގައި 12 ފަހަރަށް ވުރެ ގިނަ ފަހަރު ޖަލްސާތަކުގެ ކޯރަމް ހަމަނުވެގެން ޖަލްސާތައް މެދުކަނޑާލާފައިވެ އެވެ.