08 May 2010, 14:43
19:00
ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނިތައް ކުޑަކޮށްދިނުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫގެ 16 ގައުމަކުން 110 ބިލިއަން ޔޫރޯގެ ލޯނު އެހީއެއް ގްރީސްއަށް ދިނުމަށް ހަމަޖައްސައިފި އެވެ.
މި އެއްބަސްވުމުގައި ބައިވެރިވެފައިވަނީ އީޔޫގައި ހިމެނޭ 27 ގައުމުގެ ތެރޭން ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރާ 16 ގައުމުންނެވެ. ތިން އަހަރުގެ މުއްދަތަށް ދޭ މިލޯނު އެހީގެ ބަދަލުގައި ގްރީސްގެ އާންމު ޚަރަދުތައް ކުޑަކުރުމަށް މިއެއްބަސްވުމުގައި ގޮވާލާފައިވެ އެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ މާލީ ހާލަތު ރައްކާތެރިކުރުމަށް ޚާއްސަ މެކޭނިޒަމެއް ގާއިމުކުރުމަށް މިގައުމުތަކުގެ ލީޑަރުން ވަނީ ހުށަހަޅުއްވާފަ އެވެ.
މިކަމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި އިއްޔެ ބޭއްވި ޚާއްސަ ބައްދަލުވުމުގައި ޔޫރޯ ޒޯނުގެ ގައުމުތަކުގެ ލީޑަރުން ވަނީ އީޔޫގެ ބަޖެޓް ގަވައިދުތައް ހަރުކަށިކުރުމަށާއި ގަވައިދާ ޚިލާފުވާ ގައުމުތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ކޮންމެ ގައުމެއްގެ މާލީ ހާލަތު ގަވައިދުން ބަލަމުން ދިޔުމަށް ވެސް އެއްބަސްވެވަޑައިގެންފަ އެވެ.
މިބައްދަލުވުމަށްފަހު ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ހޯސޭ މެނުއެލް ބަރޯސޯ ވިދާޅުވެފައިވަނީ ގްރީސް ގެ މާލީ ހާލަތު ރައްކާތެރިކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ޔޫރޯގެ އަގު އިތުރަށް ދަށްވެގެން ދިޔަނުދިނުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހުރިކަމަށް ވެސް ބަރޯސޯ ވިދާޅުވި އެވެ.