08 Nov 2016, 09:17
ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ފިރިހެން ކުއްޖަކު ވިހައިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ފިރިމީހާ، އަދި ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން ދޮގުކޮށްފި އެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ކަރީނާގެ ބަނޑަށް އަށް މަސް ފުރިފައިވާ އިރު، އޭނާ ވިހައިފައިވާ ކަމަށް ޚަބަރުތައް އަންނަނީ ފެތުރެމުންނެވެ.
އެވާހަކަތައް ދޮގުކޮށް ސައިފް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަރީނާ އަދި ނުވިހާ ކަމަށެވެ.
އޭގެ އިތުރުން ދެމީހުންގެ ފުރަތަމަ ދަރިފުޅުގެ ޖިންސު ބަލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް ސައިފް ވަނީ ދޮގުކޮށްފަ އެވެ. ސައިފް ބުނީ ދެމީހުންނަށް ލިބެނީ ކޮން ކަހަލަ ކުއްޖެއްތޯ ޗެކް ނުކުރާ ކަމަށާއި އަދި ނުވެސް ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ދެމީހުންގެ ދަރިފުޅަށް ކިޔާނެ ނަމަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ކުރެވުމުން އަންނަ މަޝްވަރާ އަށް ވެސް ސައިފް ވަނީ ޖަވާބު ދީފަ އެވެ.
އެންމެ ގިނަ ބަޔަކު ބުނަމުން އަންނަނީ އަންހެން ކުއްޖަކަށް ވެއްޖެ ނަމަ ދެމީހުންގެ ދަރިފުޅަށް ކިޔާނީ 'ސައިފީނާ' ކަމަށެވެ. ނަމާ ގުޅޭ ގޮތުން ކުރިން ސަމާސާކޮށްލުމަށް އެއްޗެއް ބުނެފައި ވީނަމަވެސް، ސައިފް ބުނީ ދަރިފުޅަށް ކިޔާނީ ސައިފީނާ ނޫން ކަމަށެވެ.
"ހުރިހާ އެންމެން ގާތު ވެސް ބުނެލަން ބޭނުން ކަރީނާ އަދި ނުވިހަ އޭ. އަދި ލިބެން އުޅެނީ ކޮން ކަހަލަ ކުއްޖެއް ކަމެއް ވެސް ނޭނގެ ޔޭ. ކަރީނާ ވިހަން ދާނީ ލަންޑަން އަކަށް ވެސް ނޫނޭ އަދި ދަރިފުޅަށް ކިޔާނީ ސައިފީނާ އެއް ވެސް ނޫނޭ،" ހުރިހާ ވާހަކަތަކަކަށް އެއްފަހަރާ ޖަވާބު ދެމުން ސައިފް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކަރީނާ ވިހާނެ ކަމަށް ބެލެވެނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ކަރީނާ އަދި ސައިފުގެ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް ސައިފުގެ ކުރީގެ ކައިވެނިން އޭނާ އަށް ވަނީ ދެ ކުދިން ލިބިފަ އެވެ.
ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.