08 Nov 2016, 08:58
ބޮލީވުޑުގެ ބަތަލާ ޖެކޮލިން ފެނަންޑޭޒް އޭނާގެ މަންމަ އާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައި ވަނީ މީގެ ތިން މަސް ދުވަސް ކުރީންނެވެ. އޭނާގެ އެންމެ ފަހުން ނުކުތް ފިލްމް 'ދިޝޫމް' އަށް ފަހު ޗުއްޓީ އަކަށް ރާއްޖެ އައީ ހަލަބޮލި މާހައުލުން ދުރުވެ، ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ފިލުވައިލުމަށް ކަމަށް ޖެކޮލިން ވަނީ ބުނެފައެވެ.
ރާއްޖޭން އެނބުރި ދިއުމަށް ފަހު ދާދި ފަހުން ޖެކޮލިން ވަނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.
ޖެކޮލިން ބުނީ ރާއްޖެ އައިސް ފެހުރިއްސާ އެކު ފަތާލުމުގެ ފުރުސަތު ލިބުނު ކަމަށާއި، އެއީ އޭނާގެ 'ބަކެޓް ލިސްޓު' ގައި އޮތް ކަމެއް ކަމަށެވެ.
"އޭގެ އިތުރުން ވެސް ރާއްޖެ އައިސް ކުރެވޭނެ ވަރަށް ގިނަ ކަންކަން ކުރެވޭނެ. އަހަރެން އަދިވެސް ދާން ބޭނުން ރާއްޖެ. ވަރަށް އަވަހަށް އަނެއްކާ ވެސް ރާއްޖެ ގޮސް އިތުރު އާ ކަންތައްތަކެއް ކޮށްލަން ބޭނުންވެފައި މި ހުރީ،" އޭނާ ބުންޏެވެ.
ޖެކޮލިން އަކީ ސްރީ ލަންކާއަށް އުފަން ފަންނާނެކެވެ. އޭނާ ބުނީ ރާއްޖެ އާދެވުމުން އޭނާ އަށް ލަންކާގެ ހަނދާން ކުރުވި ކަމަށެވެ. ރާއްޖެ އާއި ލަންކާގެ ކެއުން އެއްގޮތް ކަމަށް ޖެކޮލިން ވަނީ ބުނެފައެވެ.
"އަހަރެން ހީކުރީ ލަންކާ މީހުން ކަމަށް ކުޅިކޮށް ކަނީ. އެކަމަކު ރިސޯޓުން ކާން ލިބުނު ސޭންޑްވިޗް އަދި މާ ކުޅި. ސޭންޑްވިޗެއް ކާލާ ކޮންމެ ފަހަރަކު އެތެރެހަށި އެކީ އަނދާހެން ހީވަނީ. އެކަމަކު ވަރަށް މީރު،" ޖެކޮލިން ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގައި ހުރި އިރު ދިވެހި ކެއުން ވެސް ތަޖުރިބާ ކުރި ކަމަށާއި، ދިވެހި ކެއުން ކަމުދިޔަ ކަމަށެވެ.
"އަހަންނަކީ ވަރަށް ސިއްހަތަށް ބަލައިގެން ކާ މީހެއް. ދިވެހި ކެއުމުގައި ވާގިނަ ކެލޮރީ ހުންނަ ބާވަތްތަކެއް ނުހުރޭ. ވަރަށް ސިއްހަތަށް ފައިދާ ކުރާ ކާނާ އިން ކެއުން ތައްޔާރު ކޮށްފައި ހުންނަނީ. އަހަރެން ބޮޑުވީ ވެސް އެފަދަ ކާނާ ކައިގެން،" ޖެކޮލިން ބުނެފައިވެ އެވެ.
ޖެކޮލިން ވަނީ ރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށްތަކުގެ އިތުރުން، ރިސޯޓުތަކުން ލިބޭ ޚިދުމަތްތަކަށް ވެސް ތައުރީފު ކޮށްފައެވެ. އަދި ރާއްޖެއަކީ ހުވަފެނީ މަންޒިލެއް ކަމަށް ވެސް ބުނެފައިވެއެވެ.