ދުނިޔޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ، ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ، އޭނާގެ ހެއާސްޓައިލަށާއި ގައިގެ އެތަން މިތަނަށް ގެންނަ ބަދަލުތަކާއެކު ގިނަބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވިއެވެ.

މެސީގެ ހަށިގަނޑުގެ ބޮޑުބައެއް ފޮރުވޭވަރަށް ޓެޓޫ ޖަހާފައިވާއިރު، އޭނާގެ ސްޓައިލަށް އެންމެ ބޮޑު ތަފާތެއް އައީ، އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި ދުވަސްވަރުގައެވެ. ފަހުން އޭނާގެ އެ ނިންމުން އަނބުރާ ގެނައި ނަމަވެސް، އެ ނިންމުމާއެކު އޭނާގެ ބޮލުގެ އިސްތަށިގަނޑަށް ގެނައި ބަދަލު ހަމަ އެހުރިގޮތަށް ހުރީއެވެ.

މެސީ އާ ސީޒަނަށް ކުރިމަތިލީ އޭނާގެ ހެއަރ ސްޓައިލަށް ބޮޑު ބަދަލެއް ގެނަައުމަށްފަހު -- އިންސްޓަރގްރާމް ފޮޓޯ: އެންޓޮނެއްލާ ރޮކަޒޫ

މަޝްހޫރު އެތުލީޓުން އެމީހުންގެ ކުޅިވަރު ހުނަރު ތަރައްގީކުރުމުގެ އިތުރުން، ސްޓަައިލަކީ ވަރަށްބޮޑު ސަމާލުކަމެއް ދޭ ކަމެކެވެ. ހާއްސަކޮށް ގައިގެ ހަންގަނޑަށާއި ބޮލުގެ އިސްތަށިގަނޑަށް އެ ގެންނަ ތަފާތު ބަދަލުތަކެވެ. ސްޓައިލްކުރުމުގައި، ރެއާލްގެ ތަރީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރަށް ނުދިޔަ ނަމަވެސް، ބާސާގެ ތަރި މެސީވެސް މިހާރު ވަނީ، ތަފާތު ސްޓައިލްތަކަށް ލޯބިކުރާ މީހެއްގެ ގޮތުގައި ލޭބަލްވާން ފަށައިފައެވެ.

ކެނެޑާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ -- ފޮޓޯ: ޓެލެގްރާފް

މިފަހަރު މެސީއަށް ފާޑުކިޔާފައި މިވަނީ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، އަދި ފްރާސްންގެ ކުރީގެ ފިލްމީތަރި އެރިކް ކެންޓޯނާ، ނުވަތަ ޔުނައިޓެޑް ސަޕޯޓަރުންގެ "ކިންގު ކެންޓޯނާ"އެވެ.

ޔޫރޯސްޕޯޓްސްގެ ކޮމިޝަނަރ އޮފް ފުޓްބޯލް، ކެންޓޯނާ ވަނީ، މެސީގެ ހެއަރ ސްޓައިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން "މެސީއަށް މިހާރު ހުރީ ކިހިނެއް ވެފަތޯ؟" ބުނެ ސުވާލު އުފައްދައި، އޭނާ ވަނީ ސްޓައިލްގެ ގޮތުން މެސީ މިހާރު ހުންނަނީ، ކެނެޑާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ އެއްގޮތަށް ކަމަށް ބުނެފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، އަދި ފްރާސްންގެ ކުރީގެ ފިލްމީތަރި އެރިކް ކެންޓޯނާ -- ފޮޓޯ: ދަގާޑިއަން

"އިސްތަށިގަނޑު ބްލޮންޑުކޮށް، ރަތް ތުނބުޅިއެއް ލާފައި؟ އޭނާ އުޅެނީ ފިރިހެން ކުދީންގެ ބޭންޑް (ޖަސްޓިން ބީބާ)ގެ ލީޑިން ސިންގަރަށް ވާންތަ؟" މެސީއަށް ފާޑުކިޔަމުން ކެންޓޯނާ ބުންޏެވެ.

"މެސީ އެންމެ ފުރަތަމަ ޓެޓޫ ޖެހުމުންވެސް އަހަރެން ކުޑަކޮށް ކަންބޮޑުވީ، އެކަމަކު މިހާރު ދެން؟ އޭނާއަށް އެ ހާލުޖެއްސި މީހަކު ލަދުގަންނާންޖެހޭ. ކަލޭ ތިވަނީ އަހަރެމެންގެ ހީރޯ ޖަސްޓިން ބީބާއަށް ހަދާފައި."

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީގެ ސްޓައިލް އެންމެ ބޮޑަށް ވައްތަރީ، މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ -- ފޮޓޯ: ގޯލް

މެސީ ބޮލުގެ އިސްތަށިގަނޑަށް ގެނައި އާ ބަދަލު އޭނާގެ ބައެއް ފޭނުންނަށް ކަމުދިޔައިރު އަނެއް ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން މެސީގެ އާ ހެއަރ ސްޓައިލް އެއްގޮތަކަށް ވެސް ކަމު ނުދާކަމަށް އެއްބަޔަކު ބުނަމުން ދިޔައިރު އަނެއްބަޔަކު ބުނަމުން ދިޔައީ، މިފަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން އާޖެންޓީނާ ބަލިވި ފަހުން މެސީ "ބޯހަމަނުޖެހޭ" ކަމަށެވެ.

ކޮންމެއަކަސް މެސީއަށް ބީބާގެ ސްޓައިލްތައް ކިތަންމެ ކަމުދިޔަޔަސް، ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެނެސް، ބީބާއާއެކު ލަވަކިޔަން ނުކުމެދާނޭ ހެނެއް ހިޔެއް ނުވެއެވެ.

ކެނެޑާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ (ކ) އާއި އާޖެންޓީނާގެ ފުޓްބޯޅަ ތަރި، ލިއޮނަލް މެސީ (ވ): ހެއަރ ސްޓައިލާއި ހަށިގަނޑުގައި ޖަހާފައިވާ ޓެޓޫތައް މި ދެ މީހުންގެ ވެސް ވަރަށް އެއްގޮތް --