ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ، ހިލޭޖެހުންތަކުން ލަނޑު ޖެހުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ހިލޭޖެހުންތަކުން ރޮނާލްޑޯ ޖަހާ ލަނޑުތައް ފެންނަލެއް މަދުވެފައިވަނީ، އޭގެ ފަހަތުގައި ކޮންމެވެސް ކަހަލަ މައްސަލަތަކެއް އުޅޭތީކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި ހާއްސަކޮށް، މި ހަފްތާގެ ތެރޭގައި އެފަދަ ވާހަކަތަށް މިވަނީ ތަންކޮޅެއް ގަދައަށް ދެކެވެން ފަށައިފައެވެ.

ރެއާލް މެޑްރިޑަށް އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޕެނަލްޓީ ޖަހައިދިން ހުނަރުވެރި ކުޅުންތެރިޔާ، ވަނީ ހޯމަދުވަހު އެ ކްލަބާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން މިހާރު އުމުރުން 31 އަހަރުގެ ޕޯޗްގީޒް ތަރި، ކްރިސްޓިއާނޮ ރޮނާލްޑޯ 2021 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށް އެ ކްލަބުގައި މަޑުކުރާނެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑް ރެއާލް މެޑްރިޑާއެކު އާ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރޭން: ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އޭނާ އަޅާފައި ހުރި އައިނަށް -- ފޮޓޯ: ގޯލް

ރޮނާލްޑޯ ރެއާލާއެކު އާ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތަށްފަހު އޭނާއަށް ސަޕޯޓުކުރާ އެތަކެއް ހާސް ފޭނުން ސޯޝަލް މީޑީއތަކުގައި އޭނާއަށް މަރުހަބާ ކިޔަމުން ދިޔައިރު، ގިނަ ބައެއްގެ ސަމާލުކަން އައީ އޭނާ އަޅައިގެންހުރި ނަންބަރު އައިނަށެވެ. ބައެއް މީހުން ރޮނާލްޑޯގެ އާ ފެނިލުން ތަފާތު ގޮތްގޮތަށް ސިފަކުރާން ފެށިއެވެ. ބައެއް މީހުން، ރޮނާލްޑޯ އައިނު އެޅުމުން ވަރަށް ރީތިކަމަށް ބުނަމުން ދިޔައިރު އަނެއް ބަޔަކު އޭނާއަށް ޖޯކު ޖެހިއެވެ. އަދި އޭނާއަށް މިފަހަކަށް އައިސް ހިލޭ ޖެހުންތަކުން ލަނޑު ނުޖެހެނީ، ކީއްވެގެންކަން މިހާރު އެގިއްޖެ ކަމަށް އެ މީހުން ބުނެއެވެ. އެއީ އަނެއްކާ ރޮނާލްޑޯގެ ލޮލުގެ މައްސަލައެއް އުޅެނީ ކަމަށް އެމީހުން އެމީހުން ސިފަކުރާނީ ބާވައެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި، 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ބަދަލުވި ރޮނާލްޑޯ ވަނީ، ރެއާލަށް މިހާތަނަށް 371 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުޓްބޯޅައިގައި ރޮނާލްޑޯއާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ކުޅުންތެރިއަކީ، ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއެވެ. ކާމިޔާބީ ތަކަށް ބަލާއިރު، ރޮނާލްޑޯއަށްވުރެ ތަންކޮޅެއް ކުރީގައި މެސީ އުޅުނު ކަމުގައި ވިޔަސް، ލަނޑު ޖެހުމުގައި ރޮނާލްޑޯ އުޅެނީ އަދިވެސް މެސީއަށްވުރެ ކުރީގައެވެ.

ޕްރޮފެޝަނަލް ކެރިއަރުގައި ގައުމީ ޓީމަށާއި ކްލަބަށް މެސީ ޖަހައިދިން ލަނޑުގެ އަދަދު 525އަށް އެރިއިރު، ރޮނާލްޑޯގެ ލަނޑުގެ އަދަދު ވަނީ، 560އަށް އަރައިފައެވެ. ހިލޭ ޖެހުމުން މި ދެކުޅުންތެރީން ޖަހާފައިވާ ލަނޑުތަކަށް ބަލާއިރު، ރޮނާލްޑޯ ވަނީ 47 ލަނޑު ޖަހައިފައެވެ. އެއީ ޕޯޗްގަލް ޓީމަށް ފަސް ލަނޑު، މެންޗެސްޓާ ޔުނައިޓެޑްގައި 14 ލަނޑު، އަދި ރެއާލަށް ބަދަލުވިފަހުން 28 ލަނޑެވެ. މެސީއަށް ހިލޭޖެހުމުން ކާމިޔާބުކުރެވިފައި ވަނީ، 28 ލަނޑެވެ. އެއީ އާޖެންޓީނާގެ ގައުމީ ޓީމަށް ފަސް ލަނޑު އަދި ބާސާއަށް 23 ލަނޑެވެ.