ޔުނައިޓެޑް ވިކްޓަރީ 2-1ގެ ނަތީޖާ އަކުން ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ ވެލެންސިއާއިން ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކުއާޓާ ފައިނަލުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް ކަޓުވާލާފައި ސެމީ ފައިނަލަށް ދަތުރުކުރި ޔުނައިޓެޑް ވިކްޓަރީން މިރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު މެޗުގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން ސަސްޕެންޑްކޮށްފައިވާ މުހިންމު މިޑްފީލްޑަރު ރަފޭލް ބެޓިމް މާޓް ނުލައެވެ.

ނަމަވެސް ޔުނައިޓެޑް ވިކްޓަރީން ވަނީ މެޗުގައި އެ ޓީމުން އުފުއްދި ފުރަތަމަ ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން ލީޑު ނަގާފައެވެ. ޔުނައިޓެޑް ވިކްޓަރީއަށް އެ ގޯލު ކާމިޔާބްކޮށްދިނީ ހަތް ވަނަ މިނެޓްގައި ހުސެން ސިމާޒް(ކޮކީ) އެވެ.

އެފްއޭކަޕްގެ ސެމީ ފައިނަލް ފަހު މެޗުގައި ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ ގޯލަށް ފަހު ވެސް މެޗުގައި ރަނގަޅަށް ކުޅެމުން ދިޔައީ ވެލެންސިއާ އިންނެވެ. ދެވަނަ ހާފް ނިމުމުގެ ކުރިން ވެލެންސިއާގެ ހަސަން އަދުހަމް(ސަޑޭ) އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާ އަށް ނަތީޖާ އެއްވަރުކޮށްދިނީ ކަކާ އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހަންސްލޭ އަވިލޯ ހުރަސްކޮށްލި ބޯޅަ އެއް ގޯލުގެ ތެރެއަށް ވައްދަލާއިގެންނެވެ.

އެފްއޭކަޕްގެ ސެމީ ފައިނަލް ފަހު މެޗުގައި ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރީ ވެލެންސިއާއިންނެވެ. މިރޭގެ މެޗުގައި ވެލެންސިއާ ފައިނަލަށް ގެންގޮސް ދިން ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ އަދުހަމެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަވިލޯ ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެފްއޭ ކަޕް ފައިނަލްގައި އަންނަ ހުކުރު ދުވަހުގެ ރޭ ވެލެންސިއާ ނުކުންނާނީ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ބަލިކޮށް ފައިނަލަށް ދަތުރުކުރި ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ.