ގާނޫނީ ވަކީލު ޙުސްނުއް ސުޢޫދާއި، ޢަލީ ޙުސައިން ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކާއި އެންގުންތަކާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީއާއި، އެމައްސަލަ ބަލައި ގަވާއިދުން އަޅަންޖެހޭ ފިޔަވަޅު އަޅައި ނިމެންދެން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުޢޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެންނެވެ.

މިއަދު ޑިޖޭއޭއިން ބުނީ، ސ.މީދޫ، ހަސަންކާރިގޭ ޙުސްނުއްސުޢޫދު، ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކާއި އެންގުންތަކާ ހިލާފަށް ތަކުރާރުކޮށް، ޝަރުއީދާއިރާގެ ތަޞައްވުރު ގެއްލޭގޮތަށް ކޯޓުގެ ނިންމުންތަކާ ގުޅިގެން ޚަބަރު ފަތުރާ ވަސީލަތްތަކުގައާއި ސޯޝަލް މީޑީއާގައި ފާޑުކިޔާފައި ކަމަށެވެ.

ސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ، އޭނާ ކުރައްވާފައިވާ ޓްވީޓްތަކާއި، އޭނާއާ ޙަވާލާދީ މީޑިއާގައި ޢާއްމުކޮށްފައިވާ ޚަބަރުތަކަކީ، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތަކެއް ކަމަށްވުމާއެކު، އެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ 3.2 ގެ (ހ)، (ނ) އަދި (ރ) އާ ޚިލާފު ޢަމަލުތަކެއްކަމަށްވާތީ، އެމައްސަލަ ބަލައި ވަކިގޮތެއް ނިމެންދެން ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

"މި މައްސަލާގައި އަލްއުސްތާޛު ޙުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާ ގުޅޭ މަޢުލޫމާތު އެފަރާތާ ޙިއްޞާކޮށް، މިފަދަ ޢަމަލުތައް ތަކުރާރުނުކުރުމަށް އަންގައި ނަޞޭޙަތާއި އިންޒާރު ވަނީ ދެވިފައި،" ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނީ، ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައި ވަނީ، ކޯޓުތަކުގެ ތަޞައްވުރު ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރައްވަމުން ދިއުމުގެ އިތުރުން، ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނަވައި، ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުންދާ އޭނާއާ ގުޅުންހުރި މައްސަލައެއްގައި، ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް ކުރައްވާފައި ވާތީ އެމައްސަލަ ބަލައި ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅު އަޅައި ނިމެންދެން ކަމަށެވެ.

ސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނަށް ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށްފައި މިވަނީ، ދިވެހި ރާއްޖޭގައި ގާނޫނީ ބާރު ހިނގާކަން ކަށަވަރު ކުރުމަށާއި ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ގާނޫނާ ގަވާއިދުގެ ތެރޭން އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދީފައި ވަނިކޮށެވެ.

ސުޢޫދު މީގެ ކުރީން ސަންއަށް ވިދާޅުވެފައި ވަނީ، ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރައްވަމުން ގެންދާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނޭ ކަމަށެވެ.

"ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރައްވަމުން ގެންދާ މަސައްކަތްތަކަށް ފަށްފަށުން މަރުހަބާކިޔަން. އެކަމުގައި އަޅުގަނޑުމެން ވަކީލުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނޭކަމުގެ ޔަގީންކަން އަރުވަން،" ސުއޫދު ވިދާޅުވިއެވެ.

އޮކްޓޫބަރު މަހު 31 ވަނ ދުވަހު، ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުގެ ހުކުމްތައް ނެގެހެއްޓުމަކީ ސުޕްރީމް ކޯޓާ މަތިކުރެވިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލުންގެ ވަކީލުކަން ކުރުމުގެ ހުއްދަ " ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލު ކުރެވޭނެ" ކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯޓުން މައްސަލަތައް ނިންމައި އޮޅުން ނާރާފަދަ ސާފު ބަހުން ބުނެފައިވާ ވާހަކަތައް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ކަމަށެވެ. އަދި އެއީ ބައެއް ކަހަލަ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކުރަމުން އަންނަ ކަންކަން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.