މާލޭގައި ހުރި ރެސްޓޯރަންޓަކަށް ފުލުހުން ވަދެ، ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފި އެވެ.

އެ ޒުވާނުން ހައްޔަރުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ހުންނަ ސެންޓްރަލް ޕޭކް ނަމަކަށް ކިޔާ ރެސްޓޯރަންޓަކުންނެވެ.

މަންޒަރު ދުއް މީހުން ބުނާ ގޮތުން ދެ ފަރަހަރެއްގެ މަތިން ބަޔަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ އަދަދު 30 އަރާނެ ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) އިން މާލޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ސުވާލު ކުރަންޖެހޭ ފަރާތަކާ ސުވާލުކޮށް، ބައެއް މީހުން ހައްޔަރު ކުރަމުންދާނެ ކަމަށެވެ.

ނަމަވެސް ސެންޓްރަލް ޕާކް ރެސްޓޯރަންޓުން ހައްޔަރު ކުރި މީހުންގެ އަދަދު އަދި ކަށަވަރު ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ މީހުން ހައްޔަރު ކުރަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

އަޑުފެތުރިފައިވާ ގޮތުގައި އެ ޒުވާނުން ހައްޔަރު ކުރީ ވޭތުވެދިޔަ ދެ ރެއަކު މާލޭގައި ހިންގާ ސިލްސިލާ މާރާމާރީތަކާ ގުޅިގެންނެވެ.

މާލޭގައި ފާއިތުވެދިޔަ ދެރެއަކު ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފަ އެވެ. އެ މާރާމާރީގައި މިހާތަނަށް ދެ މީހަކު ޒަހަމްވެފައިވެ އެވެ.