07 Nov 2016, 21:00
ހުޅުމާލެ ލާލޭ ޔޫތު އިންޓަނޭޝަލް ސްކޫލު ނުވަތަ ފަރީދިއްޔާ ސްކޫލު ހިންގުން އަމިއްލަ ބަޔަކަށް ހަވާލު ކުރުން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދީފައިވާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފެށުމުން، އެ ސްކޫލް ބަޔަކާ ހަވާލު ކުރުން ފަސްކޮށްފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "ސަން"އަށް މިރޭ ވިދާޅުވީ އެ ސްކޫލު ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސް ކުރިއަށް ދިޔަ ގޮތް ބަލަން ބޭނުންވާ ކަމަށް އެޑިއެކޭޝަން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
ނަމަވެސް އެ ސްކޫލު ހިންގުން ބަޔަކާ ހަވާލު ކުރުން ފަސް ކުރުމަށް އަންގާފައި ނުވާނެ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލް، ލާލެ ސްކޫލް ހިންގަމުންދާ ބިޒް އެޓޯލް އާއި ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމުން ވަނީ ދެ ފަހަރެއްގެ މަތިންއާކޮށްފަ އެވެ. މީގެ އަށް އަހަރު ކުރިން 2008 ވަނަ އަހަރު ބިޑް އެޓޯލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2013 ވަނަ އަހަރު ހަމަވުމުން، އައު ކުރި އެއްބަސްވުމުންގެ މުއްދަތު ހަމަވާތީވެ، އެ ސްކޫލު އަމިއްލަ ބަޔަކާ ހަވާލު ކުރުމަށް ސެޕްޓެމްބަރު މަހު ހުޅުވާލުމުން ހަތަރު ފަރާތަކުން ކުރިމަތިލި އެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލުގެ ބިޑިން ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތެއް ހާމައެއް ނުކުރެ އެވެ.
މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅުމާލެ ސްކޫލު ހިންގުން ހަވާލުކޮށްފައި ވަނީ "ކޮލިޓޭޓް އެޑިއުކޭޝަން"އިންނެވެ. އެ ކުންފުނިން އެ ސްކޫލު ހިންގުމަށް ނިންމާފައި ވަނީ "ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް"ގެ ނަމުގަ އެވެ.