07 Nov 2016, 21:22
މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނަތީޖާ އެއްވަރު ވުމުގެ ސަބަބުން، ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ 2-3ގެ ނަތީޖާއަކުން ބަލިކޮށް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ބ. އޭދަފުށިން ހޯދައިފިއެވެ.
ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަހިމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުލިބި ބޭކާރު ވެފައެވެ.
އޭދަފުށިން ޖެހި ޕެނަލްޓީތަކުގެ ތެރޭން އެޓީމުން ވަނީ އެއް ޕެނަލްޓީ ފިޔަވައި ދެން ޖެހި ތިން ޕެނަލްޓީ ވެސް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އޭދަފުއްޓަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، އަޒްމީން އަބްދުއްސައްތާރާއި އަބްދުﷲ އަބޫބަކުރު އަދި އަހުމަދު ހަނީފެވެ. އަހުމަދު ހުމެއިދުގެ ޕެނަލްޓީ ވަނީ ފޭދޫގެ ބިދޭސީ ގޯލްކީޕަރު ސީސޭ މަތަކޮށްފައެވެ.
ފޭދޫން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ތިން ޕެނަލްޓީއެއް ވަނީ އޭދަފުށީގެ ކީޕަރު ކީޕަރު އަބްދުﷲ ޒިޔަޒަން މަތަކޮށްފައެވެ. އޭނާ ވަނީ ފޭދޫގެ އިބްރާހިމް މަހުދީ އާއި އިބްރާހިމް މުހައްމަދު ދީދީ އަދި އަހުމަދު ރަޝީދުގެ ޕެނަލްޓީ މަތަކޮށްފައެވެ. ފޭދުއަށް ކާމިޔާބު ކުރެވުނީ އިބްރާހިމް އިފާނާއި އަހުމަދު ސައީދުގެ ޕެނަލްޓީ އެވެ.
ބުރާސްފަތި ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި އޭދަފުށި ނިކުންނާނީ ދެ ވަނަ ސެމީގައި މާދަމާ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.