07 Nov 2016, 23:29
ފައިސާގެ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިން 13 ކްލަބު/ޖަމިއްޔާތަކާ އެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ސަރުކާރުގެ މިއަހަރުގެ އޭޕްރީލް މަހު ކުރި އިއުލާނާއެކު އެހީއަށް އެދި ހުށަހަޅާފައިވަނީ 128 ކްލަބް، ޖަމިއްޔާ އަކުންނެނެވެ. އޭގެ ތެރެއިން 13 ޖަމިއްޔާއަކަށް އެހީ ދޭން ނިންމީ އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތަށް ފަސް މެމްބަރުން ހިމެނޭ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހުގައެވެ. އެ ކޮމެޓީގައި ހިމެނެނީ ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީން ބޭފުޅަކާއި ހޯމް މިނިސްޓްރީން ދެ ބޭފުޅުކެވެ.
އެހީ ލިބުނު ކްލަބު، ޖަމިއްޔާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ ޖަމިއްޔާތަކުން ޕްރޮޖެކްޓް ހުށަހާޅާފައި ވަނީ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް، ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް ކަމަށެވެ.
"ޖަމިއްޔާތަކުން ޕްރޮޖެކްޓް ހުށަހަޅާފައިމިވަނީ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި ޖަމިއްޔާގެ މެމްބަރުން ނުވަތަ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމަށާއި ސަރުކާރުގެ ސިޔާސަތާ ގުޅޭ ގޮތުން ހިންގޭ ތަރައްގީގެ މަސްރޫއުތަކާއި އެއްބައިވަންތަކަމާއި ގައުމީ ރޫހް ދިރުވުމަށް ކުރެވޭ ކަންކަމުގެ އިތުރުން ރަށް ރަށުގެ އަދި އަތޮޅުގެ ތަރައްގީއަށް ކުރެވޭ މަސަތްކަތްތަކަށް،" ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅޫވީ އެހީ ދީފައިފާ ޖަމިއްޔާތަކުގެ ތެރެއިން ދެ ޖަމިއްޔާ ފިޔަވައި ދެން ހުރިހާ ޖަމިއްޔާއެއްވެސް ނިސްބަތްވަނީ އަތޮޅުތަކަށް ކަމަށާއި މަލޭއަށް ނިސްބަތްވާ ދެ ޖަމިއްޔާއަށް ލިބުނު ފައިސާއިން ވެސް މަސައްކަތްކޮށްދޭނީ އަތޮޅު ތެރެއަށް ކަމަށެވެ.
"ޖުމްލަ ގޮތެއްގައި އެހީ ދެވުނު ހުރިހާ ޖަމިއްޔާއަކުން ވެސް ހަރަކާތްތެރިވާނީ އަތޮޅުތެރޭގެ ތަރައްގީއަށް މަސަތްކަތް ކުރުމުގަ. މިއީ ރަނގަޅު ފެށުމަކަށް ބަލާފަ ޖަމިއްޔާތަކަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ މިއަހަރު 2.2 މިލިއަން ރުފިޔާ ޖަމިއްޔާތަކަށް ދިން ނަމަވެސް އުންމީދު ކުރަނީ ކުރިއަށް އޮތްތާންގައި އެ އަދަދު އިތުރުވާނެ ކަމަށާއި ބޮޑު ބަޖެއްޓެއް ލިބެއްޖެނަމަ މިހާރަށް ވުރެން ގިނަ ޖަމިއްޔާތަކަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެހީ ލިބުނު ޖަމިއްޔާތަށް
ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް ގދ. ފިޔޯރީ
- ހެނބަދޫ ޖޯސު ޖަމިއްޔާ ނ. ހެނބަދޫ
- ދޮންފަނު ޒުވާނުންގެ ރޫޚް ބ. ދޮންފަނު
- އިކޯ ޔޫތު ޅ. ނައިފަރު
- ވިމެންސް އެންހޭސްމަންޓް ލ. ފޮނަދޫ
- ދިއްގަރު އެކުވެރިންގެ ޒުވާނުންގެ ގުޅުން/ މ. ދިއްގަރު
- އިސްލާމިކް ފައުންޑޭސަން އޮފް މޯލްޑިވްސް ކ. މާލެ
- މަހިބަދޫ ސްޕޯޓްސް ކްލަބު އދ. މަހިބަދޫ
- މާޅޮސް ރެކްރިއޭޝަން ކްލަބް އެންޑް އެންވައިރްމަންޓް ސޮސައިޓީ ބ. މާޅޮސް
- ޖަމިއްޔަތުލް އަންވާރު އދ. ދަގެތި
- ދިއްގަރު ޒުވާނުންގެ ޖަމިއްޔާ މ. ދިއްގަރު
- ޖާނީ ކ. މާލެ
- ހުވަދޫ އެއިޑް ގދ. ހޯޑެއްދޫ