13 Jun 2011, 14:41
މިދިޔަ ހޯމަ ދުވަހުގެރޭ ސ. ހިތަދޫގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތައް ލިބިގެން ސްރީ ލަންކާއަށް ގެންގޮސް ފަރުވާ ދެމުން އަންނަ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން ބުނެފި އެވެ. އެކްސިޑެންޓްގައި އަނިޔާވި ހިތަދޫ ގޯލްފް، ހުސެއިން މުހުސިން 19، އަށް ލަންކާ ހޮސްޕިޓަލް ގައި ފަރުވާ ދެމުން އަންނަތާ މިހާރު ވަނީ ހަފުތާ އެއްވެފަ އެވެ.
މިވަގުތު ސްރީލަންކާގައި ތިބި މުހުސިންގެ އާއިލާއިން ބުނީ އަދިވެސް މުހުސިންގެ އޮތީ އައިސީޔޫގައި ކަމަށެވެ. އޭނާގެ ބައްޕަ ޝިހާބު ބުނީ ސްރީލަންކާއަށް ގެންދިޔަ ފަހުން ދަރިފުޅުގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި އޭނާގެ ބޮލުގެ ތެރެއަށް ފޭދިފަ ހުރި ލޭތަށް ސާފު ކުރި ނަމަވެސް ބޮލު މެދަށް ފޭދިފައި ހުރި ލޭތަށް އަދިވެސް ސާފު ނުކުރެވޭ ކަމަށް ޑޮކްޓަރު ވިދާޅުވާ ކަމަށެވެ.
"ސްކޭން ކުރާއިރު އެބަދައްކާ ސިކުނޑީގެ އެތެރޭގައި ލޭ ހުންނަ ކަމަށް، ޒުވާން ކުއްޖަކަށް ވީމަ ރަނގަޅު ކުރެވޭނީ އިތުރަށް ބޭސް ދީގެން ކަމަށް ބުނަނީ،" ޝިހާބު ބުންޏެވެ.
ޝިހާބު ބުނީ މުހުސިން އައިސީޔޫގައި ދެ ދުވަހު ބޭއްވުމަށްފަހު ވެންޓިލޭޓާއާ ނުލައި ނޭވާ ލެވޭތޯ 12 ގަޑިއިރު ވަންދެން ބެލި ކަމަށެވެ. އެހެންނަމަވެސް ދަރިފުޅުގެ ހާލު އިތުރަށް ގޯސްވާން ފެށުމުން އަލުން މެޝިނުގެ އެހީގައި ނޭވާ ލައްވަން ފަށާފައިވާ ކަމަށެވެ. ވެންޓިލޭޓާގެ އެހީގައި ނޭވާލައްވަމުން އަންނައިރު 48 ގަޑިއިރު ފަހުން މެޝިނާނުލައި ނެވާ ލެވޭތޯ އަލުން ބަލާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް ޝިހާބު ބުންޏެވެ.
އެއްމާބަނޑު ދެ ކުދިންގެ ތެރެއިން މުހުސިންގެ ހަށިގަނޑަށް އެއްވެސް ގުޑުމެއްއަރާފާނެތީ މިވަގުތު އޮތީ ހަތަރެސްފައި ބަނދެފައި ކަމަށް ވެސް ޝިހާބު ބުންޏެވެ. އަދި ޑޮކްޓަރުގެ އެދިވަޑައިގަތުމަށް މުހުސިނާ އެއްމާބަނޑު ބޭބެ ލައްވާ ވެސް މުހުސިންނަށް ގޮވާފައިވާ ކަމަށާއި ދޭތެރެއަކުން އަތްފައި ހަރަކާތް ކުރާ ކަމަށެވެ.
"ހޭނަރާއޭ އެހެން ބުނާކަށް ނޭނގޭ. ހީވަނީ ހޭ އަރައިފިހެން. އެއީ ބައެއް ފަހަރު އަތާފައި ހަރަކާތް ކުރޭ. އެމީހުން ދީފައި ހުރި ބޭހެއްގެ ސަބަބުން ހަރަކާތް ނުކުރެވެނީ ކަންނޭނގޭ. ޑޮކްޓަރު ގާތު އަހާލީމަ ރަނގަޅޭވެސް ގޯ ހެކޭވެސް ނުބުނޭ. ވަގުތު ބޭނުންވެޔޭ ބުނަނީ،" ޝިހާބު ބުންޏެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ 10:00 ޖަހާކަން ހާއިރު ހިތަދޫ ކުރީގެ ކޮމްޕްރެހެންސިވް ސްކޫލް ކައިރިން ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް މުހުސިން އެކްސިޑެންޓްވީ މަގު ކޮނުމަށް ފަހު އެއްކޮށްފައި ހުރި ފަސް ފުންޏެއްގައި ޖެހި ސައިކަލާ އެކު ވިއްސައިގެން ގޮހެވެ.