07 Nov 2016, 18:09
އެމެރިކާގެ ރެވެނިއު މެނޭޖްމެންޓް ކުންފުނި "އައިޑިއާސް" އާއި ހޮޓެލިއާ މޯލްޑިވްސް ގުޅިގެން ރެވެނިއު މެނޭޖްމެންޓް ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މަހުގެ 30 އިން ދެ ދުވަހަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދާ ވޯކްޝޮޕުގައި ރެވެނިއު މެނޭޖްމެންޓާއި، އާމްދަނީ އަންދާޒާ ކުރުމާއި، ސްޓްރެޓަޖީ ސެޓިންގް އަދި އިމްޕްލެމެންޓޭޝަންފަދަ ކަންކަން ކުރިއަށް ދާނެއެވެ.
އެ ވޯކްޝޮޕަކީ ރެވެނިއު މެނޭޖަރުންނާއި އެނަލިސްޓުންނާއި ރިޒަވޭޝަން މެނޭޖަރުންނާއި އީކޮމާސް މެނޭޖަރުންނާއި ޖެނެރަލް މެނޭޖަރުންނާއި ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރުންގެ އިތުރުން ފްރަންޓް އޮފީސް މެނޭޖަރުންފަދަ ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ޚާއްސަ ވޯކްޝޮޕެކެވެ.
ރެވެނިއު މެނޭޖްމެންޓަކީ ހޮސްޕިޓެލިޓީ އިންޑަސްޓްރީގައި ވަރަށް މުހިންމު ދާއިރާއެކެވެ. އެއީ ހޮޓަލަކަށް ލިބޭނެ އާމްދަނީ އަންދާޒާ ކުރުމަށާއި ކަންކަން ކުރާނެ ގޮތް ކުރިޔަށް ރާވައި ސްޓްރެޓަޖީތައް ރޭވުމަށް ބޭނުންތެރި ދާއިރާއެކެވެ.
ހޮޓެލިއާ މޯލްޑިވްސްއިން ބުނާ ގޮތުގައި، އެ ވޯކްޝޮޕުގައި ބައިވެރިވުމަށް ދައްކަން ޖެހެނީ މީހަކަށް 530 ޑޮލަރުގެ އަގެކެވެ. އަދި އެ ވޯކްޝޮޕާ ދިމާކޮށް، ޗަމްޕާ ސެންޓްރަލް ހޮޓަލުން ވަނީ އެ ހޮޓެލްގެ ރޫމްތަކަށް ވެސް ޚާއްސަ ރޭޓުތަކެއް ކަނޑައަޅާފައެވެ.
ހޮޓަލިއާ މޯލްޑިވްސްއިން މިއަހަރުގެ ތެރޭގައި ވަނީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޚާއްސަކޮށްގެން "ޖީއެމް ފޯރަމް"ގެ ނަމުގައި ފޯރަމެއް ވެސް ބާއްވާފަ އެވެ.