ކުޑަކުދިންގެ ހައްގުތަކާ ބެހޭ ސަރަހައްދީ ފެންވަރުގެ މުހިއްމު ބައްދަލުވުމެއްގައި ރަށު ފެންވަރުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ) ތައް އުފެއްދުމުގައި ރާއްޖޭގެ ތަޖުރިބާ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ހިއްސާކުރައްވައިފި އެވެ.

މިނިސްޓަރު ޒެނީޝާ އެ ތަޖުރިބާ ހިއްސާކޮށްފައި ވަނީ މެލޭޝިއާގެ ކުއަލަލަމްޕޫރުގައި މިހާރު ކުރިއަށްދާ ތިން ވަނަ އޭޝިއާ ޕެސިފިކު ހައިލެވެލް މީޓިން އޮން ޗައިލްޑް ރައިޓްސް ބައްދަލުވުމުގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ އަންހެނުންނާ އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަން އެއްގަ އެވެ.

އެއް ބައްދަލުވުމުގެ މަގްސަދަކީ، އޭޝިއާ އާއި ޕެސިފިކް ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމަށާއި އެގައުމުތައް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއެރުވުމަށްޓަކާ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމެވެ.

ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެންމެންނަށް ފޯރުކޮސްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުން ވެސް އެ ބައްދަލުވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމުގައި މިނިސްޓަރު ޒެނީޝާއާއެކު ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރު މުހައްމަދު ޖަލީލާއި ޖެންޑާ މިނިސްޓްރީ އާއި އާސަންދަ އަދި އެންސްޕާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީއާ އާސަންދަ އަދި އެންސްޕާ ގުޅިގެން ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި ހިލޭ ބޭސްފަރުވާގެ ހިދުމަތުގެ ނިޒާމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މާކެޓް ބޫތުތަކެއް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.