ވޮޝިންޓަން (ނޮވެމްބަރު 7) : ރަޝިޔާއިން މެދުއިރުމަތީގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެމެރިކާއަށް ގޮންޖަހަމުން ގެންދާކަމަށް އެމެރިކާގެ ޚާރިޖީ ކަންތައްތަކާ ބެހޭ ދިރާސާތައް ޝާއިޢުކުރަމުން ގެންދާ މަޖައްލާ އެއްކަމަށްވާ ފޮރިން ޕޮލިސީ އިން ބުނެފި އެވެ.

އެމަޖައްލާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން އެމެރިކާ ހީކުރިވަރަށްވުރެ ބޮޑަށް ރަޝިޔާ ވަނީ މެދުއިރުމަތީގައި އަސްކަރީ ބާރާއި ސިޔާސީ ނުފޫޒު ވަރުގަދަކޮށް އަސްކަރީ ޒަމާނީ ހަތިޔާރާއި ވަސީލަތްތައް ތަރައްގީކޮށްފަ އެވެ. މިގޮތުން 1970ގެ ކުރީކޮޅުން ފެށިގެން ރަޝިޔާ އިން ސޫރިޔާގައި އަސްކަރީ ވުޖޫދެއް ގާއިމްކޮށްފައިވާ އިރު މިހާރު ސޫރިޔާގެ އިތުރުން މިސްރާއި އީރާނާ އާއެކު ވެސް ރަޝިޔާ އިން އަސްކަރީ ގުޅުންތައް ބަދަހިކުރަމުން ގެންދާކަމަށް މިރިޕޯޓް ބުނެ އެވެ.

ދާދިފަހުން އީރާން ވެސް ވަނީ އެގައުމުގެ ވައިގެ ބަނދަރެއް އަސްކަރީ ކަންކަމަށް ބޭނުން ކުރުމުގެ ހުއްދަ ރަޝިޔާއަށް ދީފަ އެވެ. އަދި ސޫރިޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ރަޝިޔާއިން އަސްކަރީ ބާރު ހިންގަމުންގެންދާއިރު އެބާރާ ކުރިމަތިލާން އެމެރިކާއަށް ނުކެރޭ މައްސަލަ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ރިޕޯޓް ބުނާ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެންދަވަނީ މެދުއިރުމަތީގެ އިތުރުން އދ. އާއި ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވެސް އެމެރިކާ އަށް އާދިޔާ ޚިލާފަށް ގޮންޖަހައި ތަހައްދީ ކުރައްވަމުންނެވެ. އަދި ރަޝިޔާގެ މިސިޔާސަތުގެ ސަބަބުންނާއި ދުނިޔޭގެ އިގްތިސާދީ އެއްވަނަ ބާރަށް ޗައިނާވުމާ އެކު ދެވަނަ ދަރަޖައިގެ އިގްތިސާދީ ބާރަކަށް އެމެރިކާ ވެއްޓިގެންދިޔުން ފަދަ ކަންކަމުން ނާޖާއިޒު ފައިދާ ނަގައިގެން ރައީސް ޕޫޓިންވަނީ އެމެރިކާގެ ހައިޕަރ ޕަވަރކަން ކަނޑާލައި ދުނިޔޭގައި މިފަހަކަށް އައިސް އޮތް ބޮޑުއެއްބާރުގެ ނިޒާމު (ޔުނިޕޯލާ)ގެ ބަދަލުގައި ބޮޑެތި ގިނަބާރުތަކެއް ހިމެނޭ މަލްޓި ޕޯލާ ނިޒާމެއް ގާއިމް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ.

ރަޝިޔާ އެގައުމުގެ އަސްކަރީ ބާރު އެމެރިކާއަށް ދައްކަމުން ގެންދަނީ ހަމައެކަނި ސޫރިޔާގައެއްނޫނެވެ. ޔުކްރޭންއާއި ޖޯޖިޔާގައިވެސް ރަޝިޔާ ވަނީ އެމެރިކާއަށް އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ފާޅުގައި ގޮންޖަހާފަ އެވެ. މިގޮތުން އެމެރިކާގެ ތާއީދުލިބޭ ޖޯޖިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މަސައްކަތްކުރާ ޖޯޖިޔާގެ އިދިކޮޅު ފަރާތްތަކަށް ރަޝިޔާ އަސްކަރީ އެހީ ފޯރުކޮށްދޭއިރު އެމެރިކާގެ ތާއީދުލިބިފައިވާ ޔުކްރޭންގެ ޒަޢާމަތާދެކޮޅަށް ހަނގުރާމަކުރާ ޔުކްރޭންގެ އިދިކޮޅު ބާރުތަކަށް ބޭނުންވާ ހަތިޔާރާއި ލޮޖިސްޓިކްސް ފޯރުކޮށްދެނީވެސް ރަޝިޔާއިންނެވެ.

އަނެއްކޮޅުން އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒުތަކަށް (ހަލަބްގައި) ރަޝިޔާ އިން ވަރުގަދައަށް ވައިގެ ޙަމަލާތައް ދެމުންގެންދާއިރު ރަޝިޔާވަނީ އޭގެ ރައްދުގައި ސޫރިޔާ ސަރުކާރު ސިފައިންގެ އެއްވެސް އަމާޒަކަށް ހަމަލާނުދިނުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ. އަދި އެމެރިކާއިން ސޫރިޔާ ސިފައިންނަށް ހަމަލާދޭ ނަމަ އެހަމަލާ އަންނަ ތަނަކަށް އެވަރުގެ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ރަޝިޔާއިން ވަނީ ދީފަ އެވެ.

ފޮރިން ޕޮލިސީ މަޖައްލާ ބުނާގޮތުން މިހާރު ސޫރިޔާގައި ބޭނުންކުރާ ރަޝިޔާއިން އުފައްދާފައިވާ ޒަމާނީ ހަތިޔާރުތަކާ ދެކޮޅަށް ތެދުވެ ރަޝިޔާއާ އަސްކަރީގޮތުން ކުރިމަތިލުމަކީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއްނޫންކަން އެމެރިކާގެ ބަހާއި އަމަލުތަކުންވަނީ ސާބިތުވެފައެވެ. އެމެރިކާގެ މިބިރުގެ ނާޖާއިޒު ފައިދާ ނަގައިގެން ރަޝިޔާއިން ދުނިޔޭގެ ދެވަނަ އަސްކަރީ ބާރެއްގެ ގޮތުގައި އެމެރިކާއަށް ގޮންޖަހަމުން ގެންދާއިރު ރަޝިޔާގެ ކުރިމަތީގައި އެމެރިކާ ފަހަތަށްޖެހޭ މަންޒަރު ވަރަށްބޮޑަށް ފެންނަމުންދާ ކަމަށްވެސް ފޮރިން ޕޮލިސީ މަޖައްލާގެ ރިޕޯޓް ބުނެއެވެ. (ފޮރިންޕޮލިސީ)