07 Nov 2016, 14:51
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް، ވިހާފައި މަންމަ ފިލި ތުއްތުކުއްޖާއަށް އަދިވެސް އެހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އެ ތުއްތު ފިރިހެން ކުއްޖާއަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖަކަށްވުމުން އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ދުވަސް ނުފުރާ ވިހެއި ކުއްޖަކަށްވީމަ ވަކިވަރަކަށް ބަރުދަން ލިބެންދެން ބާއްވާފައި، ކުއްޖާ ސްޓޭބަލް،" އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ވިހެއި އަންހެން މީހާ ފިލުމުން ކުއްޖާ ބަލަނީ ޖެންޑާ މިނިސްޓްރީންނެވެ. އެ ކުއްޖާގެ ފޯމްތައް ވެސް ނުފުރަނީސް މަންމަ ފިލުމުން އާއިލާއާ ގުޅޭގޮތް ވެސް ނުވިކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެފަދަ އެތައް ކުދިންނެއް ޖެންޑާގެ ބެލެމުގެ ދަށުން މިވަގުތުވެސް ކުޑަކުދީންގެ ހިޔާގައި ދަނީ ބަލަހައްޓަމުންނެވެ.