މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ސ. ފޭދުއަށް ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އި ނިންމައިފި އެވެ.

އެފްއޭއެމުން ނިއުއަށް ފުރުސަތުދޭން ނިންމާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އޮޓޮމެޓިކް ޖާގައެއް ލިބި، މި އަހަރު ލީގުގެ ގަދަ ހަތަރެއްގައި ވެސް މާޒިޔާ ހިމެނިފައިވުމުންނެވެ. އެގޮތުން ނިއު އަށް ފުރުސަތު ލިބުނީ ގައުމީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕްގެ ގޮތުގައެވެ. އަދި ފޭދުއަށް މުބާރާތުން ޖާގަ ދީފައި ވަނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

ނިއު އާއި ފޭދޫ އާއި ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ދެން ގައުމީ މުބާރާތުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބު އީގަލްސް އަދި ފުރަތަމަ ޑިވިޝަނުގައި މި އަހަރު އަލަށް ވާދަކުރަމުންދާ ޔުނައިޓެޑް ވިކްޓަރީ އެވެ.

މިހާރު ކުރިއަށްދާ އެފްއޭ ކަޕަށްފަހު ފަށާ ގައުމީ މުބާރާތް ކުރިއަށްދާނީ އެ މުބާރާތުގައި ވާދަކުރާ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ހޯދާ ޓީމެވެ.