އއ. ރަސްދޫގައި ދިވެހި އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި ބިދޭސީއެއްގެ މައްސަލައިގައި މާރާމާރީއެއް ހިނގައި ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަންއަށް ވިދާޅުވީ، ބިދޭސީއެއް ދިވެއްސަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައަކާއި ބިދޭސީ މީހާއާއި މެދު މާރާމާރީ ހިންގި މައްސަލައެއް ހާއްސަ ޓީމަކުން އެރަށަށްގޮސް ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އެ ބިދޭސީ މީހާ އަންހެން މީހާއާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭއިރު އޭނާ ވަނީ އެކަން ކާމިޔާބު ނުވުމުން ރަސްދޫކައި އޮންނަ ފަޅުރަށެއްކަމަށްވާ މަޑިވަރަށް ގޮސް ފިލާފައެވެ.

އެ މައްސަލަ އަންހެން މީހާގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން ވަނީ އެ ބިދޭސީ މީހާ ހައްޔަރުކުރަން އެރަށަށްގޮސްފައެވެ. ދިޔަވަރު ހުރިގޮތުން ފުލުހުންގެ ލޯންޗު އެރަށު ފަޅަށް ބީހުނީއެވެ. އެވަގުތު ރަސްދޫން ޑިންގީއެއްގައި ބަޔަކުގޮސް ވަނީ އެބިދޭސީ މީހާ ރަސްދުއަށް ގެނެސް އޭނާއާއި މެދު މާރާމާރީ ހިންގާފައެވެ.

އެ މައްސަލައިގައި ބިދޭސީ މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު މާރާމާރީ ހިންގި މައްސަލާގައި އެކަންކުރި މީހުން ހޯދުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.