07 Nov 2016, 14:13
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މާފަންނު ބަލިކޮށް، ހެންވޭރުން ޒޯން 8ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހެންވޭރުން ހޯދާފައި ވަނީ މާފަންނު ވެލިދަނޑުގައި ރޭ ކުޅުނު މެޗުގައި މާފަންނު އަތުން 5-2 ލަނޑުން މޮޅުވެގެންނެވެ. ޒޯން 8ގެ ޗެމްޕިއަންކަން ހޯދުމާއެކު ހެންވޭރަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ.
އެ މެޗުގައި ހެންވޭރު ކުޅުނު ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ރިއްފަތު ކާމިޔާބުކުރި އިރު، ރިހާމް އަބްދުލް ގަނީ އާއި، މުހައްމަދު ނާފިއު އާއި، އަހްމަދު އާރިޝް، ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބުކުރި އެވެ.
މެޗުގައި މާފަންނުން ކާމިޔާބުކުރި ލަނޑު ޖަހައިދިނީ މުހައްމަދު އިމްރާނާއި އަބްދުﷲ ޝައްފާނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ހެންވޭރަށް ދެ ލަނޑު ކާމިޔާބުކޮށްދިން ރިހާމް އަބްދުލް ގަނީ އެވެ.
ޒޯން 5ގައި ރޭ ކުޅުނު މެޗުގައި ފ. ނިލަންދޫ އަތުން ތ. ތިމަރަފުށި ވަނީ މޮޅުވެފައެވެ. އެ މެޗުން ތިމަރަފުށި މޮޅުވެފައި ވަނީ 6-2 ލަނޑުންނެވެ. ރޭ ކުޅުނު ޒޯން 6ގެ މެޗުގައި ރ. ކަނދޮޅުދޫ އަތުން 5-2 ލަނޑުން ގދ. މަޑަވެލި ވަނީ މޮޅުވެފައެވެ.
އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްގޮސްފައި ވަނީ އަތޮޅުތަކުގެ ޓީމުތަކުގެ މެދުގައެވެ. އެ ބުރުން އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ދެ ވަނަ ބުރު ނުވަތަ ޒޯން ބުރުން ޖާގަ ލިބިގެންދިޔައެވެ. ޒޯން ބުރަކީ އެ ޒޯނެއްގައި ހިމެނޭ ރަށްތަކުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ.
މިހާރު ކުރިއަށްދާ ޒޯން ބުރުން ޗެމްޕިއަންކަން ހޯދާއަށް ޓީމަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ. އެގޮތުން ޒޯން 8 އިން ނޮކްއައުޓް ބުރަށް ހެންވޭރު ދަތުރުކުރި އިރު، ޒޯން 7ގެ ޖާގަ ހޯދާފައި ވަނީ ސ. ފޭދޫ އެވެ.
ޖުމްލަ 50 ޓީމާއެކު ކުރިއަށްދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ.