އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ހަ ވަނަ ޖަލްސާ މާދަން ބާއްވަން ތާވަލްކޮށްފައިވާ އިރު، އެޖަލްސާގެ އެޖޭންޑާގައި ވަނީ ބަޖެޓު ހުށަހެޅުން ހިމަނާފަ އެވެ. މާދަމާގެ އެޖެންޑާގައި ހިމަނާފައި ވަނީ ބަޖެޓު ހުށަހެޅުން އެކަންޏެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުމާ އެކު، ހަމަ އެ ދުވަހު ބަޖެޓުގެ ބަހުސް ފަށާނެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަން މަޖިލީހަށް ހުށަހަޅާ އިރު، ބަޖެޓުގެ ބަހުސްގައިމަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް މަޖިލީހުން އާންމު ކޮމެޓީން ވަނީ އިއްޔެ ނިންމައިފަ އެވެ.

އާންމު ކޮމެޓީގެ ނައިބު މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އިއްޔެ ވިދާޅުވީ، ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ރިޔާސަތުން ހުޅުވާލާ ބަހުސަށް ކޮންމެ މެމްބަރަކު ވާހަކަފުޅު ދެއްކެވުމަށް 15 މިނެޓް ލިބޭނެ ކަމަށެވެ. އަދި ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމުން ހުޅުވާލާ ފުރުސަތުގައި ހަތް މިނެޓް ލިބޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް މިދިޔަ އަހަރު ސަރުކާރުން ހުށަހެޅީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން މި އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓު މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަވާނެ ކަމަށެވެ.