07 Nov 2016, 13:02
ކެންސަރަށް މަގުފަހިވާ 20 ބާވަތެއްގެ ކެމިކަލް 2013އިން ފެށިގެން މިހާތަނަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ދިރާސާއިން ދައްކައިފިއެވެ.
ރާއްޖޭގައި މިހާތަނަށް ފުރަތަމަ އެކުލަވާލި ކެމިކަލް ޕްރޮފައިލުން ދައްކާގޮތުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދެ ބިލިއަން ރުފިޔާގެ ކެމިކަލް ރާއްޖެ ވަނީ އެތެރެކޮށްފައެވެ. މިއަހަރު މިހާތަނަށް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ އެތެރެކުރި ކެމިކަލްތަކުގެގެ ތެރެއިން 20 ބާވަތަކީ ކެންސަރަށް މަގުފަހިވާފަދަ ނުރައްކާ ކެމިކަލެވެ.
ދެހާސް ތޭރަ ވަނަ އަހަރު އެކަނިވެސް އެފަދަ 10.3 ޓަނުގެ ކެމިކަލް ވަނީ އެތެރެކޮށްފައެވެ.
އެކެމިކަލްތަކުގެ ތެރޭގައި ތަފާތު އުމުރާނީ ބޭނުންތަކަށް އެތެރެކުރާ ކެމިކަލާއި ސްޕްރޭފަދަ އެކިއެކި ކެމިކަލްތައް ހިމެނެއެވެ.
ކެމިކަލް ޕްރޮފައިލް އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އެކި ބޭނުންތަކަށް ގިނައަދަދެއްގެ ކެމިކަލް ރާއްޖެ އެތެރެކުރާއިރު އެތަކެތި މޮނީޓާ ކުރެވެން ޖެހޭ ކަމަށެވެ.
ކެމިކަލް ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭނަމަ އޭގެ ނޭދެވޭ އަސަރު ތިމާވެއްޓަށް ކުރާނެ ކަމަށާއި ކުރިއަށްއޮތްތަނުގައި ކެމިކަލް މޮނީޓާ ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮފައިލުން، ރާއްޖެ އެތެރެކޮށް ބޭނުންކުރާ ކެމިކަލްއާއި އެތަކެތި އެތެރެކުރާ ގައުމު ތަކުގެ މައުލޫމާތުވެސް ހިމެނެއެވެ. އެއީ 2011 އިން ފެށިގެން ކުރަމުންދިޔަ މަސައްކަތެކެވެ.