07 Nov 2016, 12:59
ދިވެހިރާއްޖޭގައި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށްޓަކައި ނިންމަން ޖެހޭ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން، ޑީޕާޓްމެންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަނުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އާ އެކު މަޝްވަރާކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި މި ބައްދަލުވުމުގައި ރޫލް އޮފް ލޯ ނުވަތަ ގާނޫނުގެ ޙުކޫމަތު ނެގެހެއްޓުން ހަރުދަނާ ގޮތެއްގައި ސުޓްރީމް ލައިންކޮށް ރެގިއުލޭޓް ކުރުމާއި މޮނީޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި، ވަކިވަކި ކޮލެޖްތައް ހަދައިގެން އެ ކޮލެޖް ތަކުން ލޯ ޑިގްރީ ދޫކުރާގޮތަށް އޮންނަ އޮތުމަކީ ރަނގަޅުކަމެއް ނޫންކަން ފާހަގަކޮށް އެކަންކަމާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން، ގާނޫނީ ޕްރޮފެޝަންގެ ކޯހެއް އެއްވެސް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން ހިންގާ ނަމަ، އެފަދަ ކޯހެއްގައި ޤައުމީ މުޤައްރަރުގައި ހިމެނޭ މާއްދާތައް ހިމެނައިގެން ކޯސްފަރުމާކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށާއި މިފަދަ ކޯސްތައް ހިންގުމުގެ ހުއްދަ އެމްކިޔުއޭ އިން ކޮލެޖްތަކަށް ދޫކުރުމުގެކުރިން، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގެ ދަށުން ގާއިމުކޮށްފައިވާ ހުއްދަދޭ ކޮމިޓީއަށް ހުށަހަޅައިގެން ކޯސް ހިންގުމުގެ އެޕްރޫވަލް ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ. އަދި ކޮމިޓީގެ އެޕްރޫވަލް ނެތި ހިންގާ މިފަދަ ކޯސްތަކަށް ހުއްދަ ދޫކުރުމާގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެ އެވެ.
ގާނޫނީ ވަކީލުކަމުގެ ޕްރޮފެޝަންއަކީ ވަކި ހަމަތަކެއްގެ މަތިން ރެގިއުލޭޓް ކުރެވި ހަރުދަނާކަމާ އެކު ބެލެހެއްޓޭނެ ޕޮލިސީތަކެއް ހެދިފައިވާ ޕްރޮފެޝަން އަކަށް ވާންޖެހޭއިރު، މި ދާއިރާއިން ތަޢުލީމް ފޯރުކޮށްދިނުމުގައި އަސާސެއްގެ ގޮތުގައި ބަލާނެ ނޭޝަނަލް ކަރިކިއުލަމްއެއް މިވަގުތު ރާއްޖޭގައި ކަނޑައެޅިފައިނުވެ އެވެ.
އެބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ އަދި ޢިލްމީ ޤާބިލްކަން އިތުރުކުރުމަށްޓައި އެފަރާތްތަކަށް ޖުޑީޝަލް ޓްރޭނިންގް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަން ފާހަގަ ކުރައްވައިފަ އެވެ. އަދި މޯލްޑިވްސް ޖުޑީޝަލް އެކަޑަމީގެ މަގްޞަދަކީ އެކަންކަން ހަރުދަނާކުރޭނެ ޕްރޮގްރާމްތަކެއް އިންތިޒާމުކޮށް އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުންކަން ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޙަސަން ސަޢީދު ޙުސައިން އާއި، ޑިރެކްޓަރު އާތިކާ އިބްރާހީމް އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކަޓިވް އޮފިސަރު މުޙައްމަދު ވަޙީދު ޙުސައިން އާއި، ޑިރެކްޓަރު ޢާއިޝަތު އަރޫފާ މުޙައްމަދު އެވެ.