މި މަހުގެ 21 އަދި 22 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށްދާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016ގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި އިތުރު ދެ ކުންފުނިން ސޮއިކޮށްފިއެވެ.

އިންވެސްޓްމެންޓް ފޯރަމުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އިއްޔެ، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ވަނީ ސޮއިކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭގެ ސީއީއޯ ޝަންކަރު ނާރަޔަނަންއެވެ.

މީގެ އިތުރުން މިއަދު އިތުރު ކުންފުންޏަކުން ވަނީ އިންވެސްޓްމެންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައެވެ. ޕާޓްނަރެއްގެ ގޮތުގައި މިއަދު ސޮއިކޮށްފައިވަނީ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)އިންނެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެޗްއާރުސީގެ ޗެއާމަން މުހައްމަސދު އަލީ ޖަނާހެވެ.

އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް ތިން ގިންތިއެއްގެ ޕެކޭޖުތައް ހުށަހަޅާފައިވެއެވެ. އެންމެ އެކްސްޕޯޝާ ބޮޑު ޕެކޭޖަކީ ޕްލެޓިނަމް ސްޕޮންސަރުންގެ ޕެކޭޖެވެ. ޕްލެޓިނަމް ޕާޓްނަރުންނަށް ފޯރަމްގައި ޕްރީމިއަމް ސްޓޯލަކާއި، ޕްރެޒެންޓޭޝަން ހުށަހެޅުމަށް ޚާއްސަ ވަގުތާއި އަދި އިޝްތިހާރު ކުރުމުގެ އެހެނިހެން ފުރުސަތުތައް ވެސް ލިބޭނެއެވެ.

ދެވަނަ ގިންތިއަކީ ގޯލްޑް ސްޕޮންސަރުންގެ ޕެކޭޖެވެ. މި ޕެކޭޖުގެ ދަށުން ސްޕޮންސަރުންނަށް ސްޓޭންޑަޑް ސްޓޯލަކާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން އިންވެސްް މޯލްޑިވްސް މެގަޒިންގައި ކަވަރޭޖު ލިބެއެވެ.

އަދި ތިންވަނަ ގިންތިއަކީ ސިލްވާ ޕެކޭޖެވެ. މި ޕެކޭޖުގެ ދަށުން އިންވެސްޓް މޯލްޑިވްސް މެގަޒިނުގައި ކަވަރޭޖު ލިބުމުގެ ފުރުސަތާއި ނެޓްވޯކިންގް ގާލާ ޑިނަރގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން ސްޓޭންޑަޑް ސްޓޯލެއް ނުވަތަ ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ފޯރަމްގައި ބައިވެރިވެފައިވާ ކުންފުނިތަކަކީ އެޗްއާރުސީއާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިތުރުން އެސްޓީއޯ، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް، ދިރާގު، އެމްއޭސީއެލް އަދި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއެވެ.

ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. އަދި ސިލްވާ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީއެވެ.