އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާ އެކު،އަޔާދީގެ އޮންލައިން ޕޯޓަލްލޯންޗުކޮށްފި އެވެ.

މޫކައި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ މިވަގުތު، އަޔާދީ އޮންލައިން މެދުވެރިކޮށް މައިގަނޑުގޮތެއްގައި ލިބޭނީ މޮޓޯ ތަކާފުލްއާއި ޓްރެވަލް ތަކާފުލްގެ ޚިދުމަތްތައް ކަމަށެވެ.

"އޮންލައިން ޕޯޓަލް ބޮޑަށް ހާއްސަކޮށްފައި އޮތީ މޮޓޯ ތަކާފުލްއަށް. އަތޮޅުތަކުގައާއި އެކި ރަށްރަށުގައި އުޅަނދުފަހަރު ހުރޭ. ވަރަށް އުނދަގޫ ކަމެއް މާލެ އައިސް ކޮންމެ ފަހަރަކު ތަކާފުލް ހައްދަން ނުވަތަ އާކުރަން. ކޮންމެ ތަނެއްގައި ހުރެ ވެސް މި ބޭފުޅުންގެ އަތާ ހަމައަށް މި ޚިދުމަތް ފޯރުކޮށް މި ދެވެނީ،" ނިޒްމާ ވިދާޅުވި އެވެ.

މޮޓޯ ތަކާފުލްގެ ޚިދުމަތް ހޯދުމާއި ސެޓްފިކޭޓް އާކުރުމުގެ އިތުރުން، އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭ އެހެން ޚިދުމަތްތަކަކީ ޓްރެވަލް ތަކާފުލްއާއި، އަޔާދީގެ އެހެނިހެން ޚިދުމަތްތަކަށް ދޫކުރާ ސެޓްފިކޭޝަންގެ ސައްހަކަން ބެލޭ، ސެޓްފިކޭޓް ވެރިފިކޭޝަން ނިޒާމެކެވެ.

އަޔާދީ ތަކާފުލްގެ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ، މި ޚިދުމަތް ފަށައިގަންނަނީ މަދު ޚިދުމަތްތަކަކާ އެކު ނަމަވެސް، ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަން ތައާރަފު ކުރެވިގެން ދާނެ ކަމަށެވެ.

އަޔާދީގެ މެނޭޖަރު ނިޒްމާ ވިދާޅުވީ، އާންމުންގެ ފަރާތުން ތަކާފުލްއަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"އިންޝުއަރެންސަށް އެވެއާނެސް އިތުރުވާ ވަރަކަށް ތަކާފުލްއަށް ވެސް އޮންނަ ޑިމާންޑު އިތުރުވޭ. މީގެ ގާތްގަނޑަކަށް ތިން އަހަރުގައި، އަޅުގަނޑުމެންގެ ޚިދުމަތް ހީކުރި ވަރަށް ވުރެ ވެސް މާ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ،" ނިޒްމާ ވިދާޅުވި އެވެ.