ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އޮފިޝަލުންގެ ގޮތުގައި ކުރިމަތިލެވޭނީ އިންތިޚާބުގައި ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކާ އާއިލީ ގޮތުން ގުޅުމެއް ނޯންނަ މީހުންނަށް ކަމަށް ކޮމިޝަނުގައި އިއުލާނުގައިވެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް ފުރަމުންގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ މީހަކަށް އޮފިޝަލެއްގެ ގޮތުގައި ކުރިމަތި ނުލެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން އޮފިޝަލުންނަށް ކުރިމަތިލާ ފަރާތްތަކުން، މަސައްކަތާ ގުޅޭ ގޮތުން ދެވޭ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާން ޖެހޭނެ އެވެ. އަދި އެ ޕްރޮގްރާމް އޮންނާނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ދެމެދުގައި ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެކޮމިޝަނުން ބުނީ އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާ އަދި އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދީގެން ކަމަށެވެ.

ރިސޯޓް، ޞިނާޢީ މަރުކަޒު، ޖަލުތަކަށް ދާން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރީރެޖިސްޓްރޭޝަން މަރުޙަލާގައި އެތަނެއްގައި ރީރެޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށާއި ނަމަވެސް، އެންމެ ފަހުން ބޭއްވި ތިން އިންތިޚާބުގައި އެއްވެސް ސަބަބަކާ ހުރެ ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް، ލިބިފައިވާ މާކްސް މަތިކަމުގައިވީ ނަމަވެސް އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކަށް އޮފިޝަލުން ނަގަނީ އުޖޫރަ ދޭ އުސޫލުންނެވެ. އެގޮތުން އިންތިޚާބު އޮންނަ ދުވަހު އޮފިޝަލުންނަށް 400 ރުފިޔާއާއި 1300 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދޭން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.