ހދ. ނޭކުރެންދޫގެ ކައުންސިލު އިދާރާގައި ހުރި 77،208 ރ. ބަޔަކު ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އާދަމް ނާޒިމް މިއަދު ވިދާޅުވީ އެ ފައިސާތަކަކީ އެ އިދާރާގެ ފައިސާ ބަލަހައްޓާ މުވައްޒަފުގެ މޭޒުގެ ވަތްގަނޑުގައި ބަހައްޓާފައި ހުރި ފައިސާ ކަމަށާއި އެ ފައިސާތައް ނެތް ކަން އެނގުނީ ބަންދަށްފަހު އިދާރާ ހުޅުވުމުން އޮފީހުގެ ޒިންމާދާރުވެރިޔާ އޭނާ އަށް ގުޅުއްވާފައި ފައިސާތަކެއް ގެއްލިގެން އުޅޭކަން އެންގެވުމުން ކަމަށެވެ. ނަމަވެސް އެ ފައިސާތައް ސީދާ ނެގި ގޮތެއް އަދި ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެ ފައިސާތަކަކީ ކުރިން އިންޖީނުގެ ހިންގިއިރު އެތަނަށް ލިބިފައިވާ 71،627 ރ. އާއި އިލެކްޝަންސް ކޮމިޝަނުން އެރަށުގައި ބޭއްވި އިންތިހާބުގައި ހަރާކާތްތެރިވާ މީހުންގެ ސައިގެ ކަންތައްތައް ބަލަހައްޓަން ދީފައިވާ 1080ރ. އާއި ހުކުރު ކުރާ މީހުންނަށް އެލަވަންސް ދިނުމަށް ބަހައްޓާފައިހުރި 1320ރ. އާއި އަތޮޅުގެ ދެ ދަތުރެއްގެ ފައިސާގެ ގޮތުގައި ބަހައްޓާފައި ހުރި 1250ރ. އާއި އިދާރާއަށް ފައިސާ ބަލައިގެންފައިވާ ހުރި 1931ރ. ކަމަށެވެ.

" ގެއްލިފައިވާ ފައިސާތަކުގެ ތެރޭގައި ރަށުގެ އެކިއެކި ތަންތަނުން ނަގާފައިވާ ބިމު ކުއްޔާއި ވިޔަފާރި ފައިސާ އާއި ނީލަމުގެ ފައިސާ ވެސް ހިމެނޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ނޭކުރެންދޫގެ ރަށު ކައުންސިލްގެ އޮފީސް ހުންނަނީ އެރަށު ގަބުރުސްތާނާއި ޖެހިގެން ނެވެ. ކައުންސިލްގެ އިދާރާއިން ބުނީ ކައުންސިލްގެ އިދާރާ ތެރޭގައި އޮންނަ ހުސްތަންކޮޅަށް ގަބުރުސްތާނުގެ ތެރެއިން ވަދެވޭނެ ކަމަށެވެ، އަދި އެތަނުގެ ތެރޭގައި ހުރި ފާހާނާއަކުން އޮފީސްތެރޭގައި ހިޔާނުކޮށް އޮންނަ އެ ތަންކޮޅަށް ނުކުމެވޭނެ ގޮތަށް ދޮރެއް ކަނޑާފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ނަމަވެސް އެދޮރަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަކަށް ކައުންސިލް އިދާރާ އަކުން ނުބުނެ އެވެ.