07 Nov 2016, 10:26
އިދިކޮޅު ކެނޑިޑޭޓު، ހިލަރީ ކްލިންޓަން އެކަމަނާގެ އަމިއްލަ ސާވާ ބޭނުންކޮށްގެން ސަރުކާރުގެ އީމެއިލްތައް ފޮނުވާފައިވާ މައްސަލާގައި، އެކަމަނާގެ މެއިލްގައި ސަރުކާރުގެ ސިއްރު މައުލޫމާތު ނެތް ކަމަށް އެފްބީއައިގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ބުނުމުން ޑޮނަލްޓް ޓްރަމްޕް އެކަމާ ކަންބޮޑުވުންފާޅު ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
އެފްބީއައިގެ ތަހުގީގުގައި އެކަމަނާ އާ ދެކޮޅަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމި ކަން އެނގުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް ޓުރަމްޕް ވިދާޅުވީ އެފްބީއައިގެ ތަހުގީގު ސައްހަ ނޫން ކަމަށެވެ. އޭރު ޓްރަމްޕް ހުންނެވީ ޑިޓްރޮއިޓްގެ ސަބާބްސްގައި އޮތް އޭނާގެ ކެމްޕޭން ޖަލްސާއެއްގައި އެވެ. އެޖަލްސާގައި އޭނާ ވިދާޅުވީ، ހިލަރީގެ މެއިލްތައް 650،000 އަށް ވުރެ ގިނަ ވާނެ ކަމަށާއި އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ހުރިހާ އީމެއިލެއް ޗެކް ކުރުމަކީ އެފްބީއައިއަށް ވެސް ވުމަށްވުރެ ނުވުމާ ގާތް ކަމެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެކަމަކީ މާ ކުރިން ރޭވިފައި އޮތް ކަމެއް ކަމަށާއި އެމެރިކާ ސަރުކާރުން ހިލަރީއަށް ހިމާޔަތް ދެމުން އަންނަ ކަމަށެވެ.
"ކްލިންޓަން އަކީ ކުށްވެރިއެއް. ކްލިންޓަންއަށް ވެސް އެކަން އެނގޭނެ. އެފްބީއައިއަށް ވެސް އެކަން އެނގޭ. އެކަން އެނގޭ އެންމެންނަށް އެކަން އެނގޭ. އެކަމަކު އެކަމަށް އިންސާފު ހޯދުން އޮތީ އެމެރިކާ ރައްޔިތުން އަތް މަތީގައި. އެހެން ކަމުން މާދަމާ ވޯޓު ދޭ އިރު މިކަންކަމާ ވިސްނާލުން މުހިއްމު،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ހިލަރީގެ ކެމްޕެއިނަށް އީމެއިލްތަކުގެ މައްސަލައިގެ ސަބަބުން ބުރޫ އަރާފައިވީ ނަމަވެސް އެފްބީއައިގެ ތަހުގީގުގައި ކްލިންޓަންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ފަދަ އެއްވެސް ކަމެއް ފެނިފައި ނެތް ކަން ހާމަ ވެގެން ދިއުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި އެކަމަނާއަށް ލިބޭ ފަސޭހައެކެވެ. އަދި ގެއްލިފައިވާ އިތުބާރު އަނބުރާ ލިބިގެންދާނެ ކަމެއްވެސްމެ އެވެ.