07 Nov 2016, 10:02
ވޮޝިންޓަން(ނޮވެމްބަރ 7): އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހިލަރީ ކްލިންޓަން ހުންނެވި ދުވަސްވަރު ގަތަރު ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި އެއްމިލިޔަން ޑޮލަރު އެކަމަނާއަށް ދިންކަމަށް ކްލިންޓަން ފައުންޑޭޝަނުން އެއްބަސް ވެއްޖެއެވެ.
ވިކިލީކްސް އިން ބޭޒާރުކޮށްލި ހިލަރީ ކްލިންޓަންގެ އީމެއިލް ތަކަކުން މިކަން ހާމަވުމާ ގުޅިގެން ކްލިންޓަން ފައުންޑޭޝަނުން ބުނީ އެއީ ތެދެއްކަމަށާއި ގަތަރު ސަރުކާރުން އެފައިސާ 2011 ވަނަ އަހަރު ހިލަރީގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމުގައެވެ. ހަދިޔާއެއްގެ ގޮތުގައި އެފައިސާ ގަތަރުން ދިނީ ހިލަރީގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންއާ އަވަސް ގޮތަކަށް ބައްދަލުކުރުމުގެ ފުރްސަތު ގަތަރުގެ މަސްއޫލުވެރިއަކަށް ހޯއްދައިވައިދެއްވުމުން ކަމުގައެވެ.
އެދުވަސްވަރު ބިލް ކްލިންޓަން އަކީ އެމެރިކާގެ ރައީސް ނޫންކަމުން މިއީ އެމެރިކާ ސަރުކާރާ ގުޅޭ ކަމެއް ކޮށްދެއްވުމުން ބޭރުގެ ފަރާތަކުން ރިޝްވަތުގެ ގޮތުގައި ދިން އެއްޗެއް ނޫންކަމަށްވެސް ކްލިންޓަން ފައުންޑޭޝަނުން ބުނެއެވެ. ނަމަވެސް މި މައްސަލަ ބޭޒާރުވުމުން ހިލަރީއަށް އޮތް ތާއީދު ކުޑަވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ނިޔުޔޯކް ޓައިމްސް އިން ވަނީ ބިލް ކްލިންޓަން އާ ބައްދަލުކުރުމުގެ ފުރްސަތު މީހަކަށް ހޯދައި ދިނުމުން އެކަމުގެ ހަދިޔާއެއްގެ ގޮތުގައި އެއްލިމިޔަން ޑޮލަރު ހިލަރީއަށް ދިން މައްސަލައާމެދު ސީރިޔަސް ސުވާލުތަކެއް އުފައްދާފައެވެ.
ގަތަރަކީ ގަލްފުގެ އެހެން އަރަބި ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގެ އިސް މަސްއޫލުވެރިންނަށް ތަކުރާރުކޮށް އެކިކަންކަމުގައި ރިޝްވަތު ދޭ ކަމަށް ވަރަށް ކުރީއްސުރެ ތުހުމަތު ކުރެވިފައިވާ ގައުމެކެވެ. އަދި ވިކިލީކްސްއިން ދާދިފަހުން ބޭޒާރުކޮށްލި ރަސްމީ ލިޔުންތަކަކުން ގަތަރުން އައިއެސް ޖަމާއަތަށް އެކި ފަހަރުމަތިން އެތަށް މިލިޔަން ޑޮލަރެއް ދީފައިވާކަންވެސް ބޭޒާރު ވެފައިވެއެވެ. މިމައްސަލާގައިވެސް އަދި ހިލަރީއަށް ފައިސާ ދިން މައްސަލާގައިވެސް އެއްވެސް އެއްޗެއް ގަތަރު ސަރުކާރުން ބުނެފައެއް ނުވެއެވެ.
އަނެއްކޮޅުން ހިލަރީ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އެމެރިކާއިން އައިއެސް ޖަމާއަތަށް ހަތިޔާރުގެ އެހީތެރިކަން ސިއްރިޔާތުގައި ފޯރުކޮށްދިނުމާބެހޭގޮތުން އެކަމަނާ ރަސްމީ ސިފައެއްގައި ކުރައްވާފައިވާ މުޢަމަލާތަކާ ބެހޭ ލިޔުންތަކެއްވެސް ވިކިލީކްސް އިން ދާދިފަހުން ބޭޒާރު ކޮށްލާފައިވެއެވެ. މިކަން ދޮގުކުރުމަށް ހިލަރީ ވަނީ ފަސްޖެހިވަޑައިގެންފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އެންމެ ދުވަހަކަށް ވެފައިވާއިރު އާންމު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ހިލަރީ ކްލިންޓަންގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕްވަނީ ފަހަތުން އަރައި ގާތްގަނޑަކަށް ހިލަރީއާ ދާދި އެއްވަރުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ބާރާއި ނުފޫޒުގަދަ އެލީޓުންނާއި މާލީ މުއައްސަސާތަކުގެ ތާއީދު ހިލަރީއަށް އޮތުމުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ބޮޑީ ހިލަރީ އަށްކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)