އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހުންނެވި އިރު ސަރުކާރުގެ ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ބޭނުން ކުރެއްވި ކަމަށް ބުނެ، އެ އީމެއިލްތަކުގައި ސަރުކާރުގެ ސިއްރު މައުލޫމާތު ހުރި ކަމުގެ ތުހުމަތުގައި ހިލަރީ ކްލިންޓަންއާ ދެކޮޅަށް އެފްބީއައި އިން ކުރި ތަހުގީގުގައި އެ އީމެއިލްތަކުގައި ސިއްރު މައުލޫމާތު ނުހިމެނޭކަން ސާބިތުވެއްޖެ އެވެ.

އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޮމީ ކޮންގްރެސްގައި ވިދާޅުވީ، އެ އޭޖެންސީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ކްލިންޓަންއާ ދެކޮޅަށް ސާބިތު ހިފޭ ވަރުގެ ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ހިލަރީގެ ކެމްޕެއިނަށް އީމެއިލްތަކުގެ މައްސަލައިގެ ސަބަބުން ބުރޫ އަރާފައި ވީ ނަމަވެސް އެފްބީއައިގެ ތަހުގީގުގައި ކްލިންޓަންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ފަދަ އެއްވެސް ކަމެއް ފެނިފައި ނެތް ކަން ހާމަ ވެގެން ދިއުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި އެކަމަނާއަށް ލިބޭ ފަސޭހައެކެވެ.

އެގައުމުގެ ރިޔާސީ އިންތިޚާބު މާދަމާ ބާއްވާނެ އެވެ. މި އިންތިޚާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަކީ، ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަނެވެ.

އެފްބީއައި އިން ހިލަރީއާ ސުވާލުކޮށްފައި ވަނީ ހިލަރީގެ މައްޗަށް ދައުވާ ކުރަން ނިންމާނީ އެފްބީއައި އާއި ޕްރޮސިކިއުޓަރުން ނިންމާ ގޮތަކަށް ބައްލަވާފަ ކަމަށް އެޓާނީ ޖެނެރަލް ލޮރެޓާ ލިންޗް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ލިންޗް އޭގެ ކުރިން ހިލަރީގެ ފިިރިކަލުން ބިލް ކްލިންޓަންއާ ބައްދަލު ކުރެއްވުމާ ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.