07 Nov 2016, 02:16
އެންމެން އެކައްޗެއް ކިޔައިގެން ކަންތައްތައް އިސްލާހުކުރަން ނުކުންނަންވީ ވަގުތު ކައިރިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތް، ހ. ތެމާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެފައި ވަނިކޮށް، އެތަނުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ފާރިސް ވިދާޅުވީ އިސްލާހީ ބަދަލުތައް ގެނައުމަށް ވަރަށް ގިނަ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
"ގާނޫނީ ގޮތުން ލަފާ ވެސް ހޯދަމުން މި ގެންދަނީ. އަދި ޑްރާފްޓް ކުރަންޖެހޭ ބައެއް އެއްޗިހި ޑްރާފްޓް ކުރަމުން ވެސް އެބަ ގެންދަން. އިރާދަ ކުރެއްވިއްޔާ ވަރަށް ގިނަ ބަޔަކު އެކައްޗެއް ކިޔައިގެން ވަރަށް ގިނަ ކަންތައް ބަދަލުކުރަން، އިސްލާހު ކުރަން ނުކުންނަ ދުވަސް ވަރަށް ކައިރިވެއްޖެ،" ފާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލީޑާޝިޕްގެ ދަށުން އެ ޕާޓީން މަސައްކަތް ކުރާނީ ގާނޫނުގެ ތެރެއިން ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކެއް މެދުވެރިވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ގާނޫނުގެ ތެރެއިން މި ކުރާ މަސައްކަތް، ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން މިކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ބައިވަރު ކަންތައްތަކެއް އެބަ ދިމާވޭ. އެނގިވަޑައިގަންނަވާނެ މި މަގުގައި އަޅުގަނޑުމެން ހިނގަން ޖެހިފަ އޮތްތާ ދުވަސްތަކެއް ވެއްޖެ. އަޅުގަނޑުމެންގެ މަސައްކަތަށް އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނާންނާނެ،" ފާރިސް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ފަހަތުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ސިޔާސީ ގޮތުން ދައްކާ ވާހަކައަކުން "ކަމާ ނުގުޅޭ ދަތިތައް" ދިމާވަމުން އަންނަ ކަމަށް ފާރިސް ވިދާޅުވިއެވެ.